މީޑިޔާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ބަލައިގަނެފި – ނޫސްވެރިންގެ ކަންބޮޑުވުން.

  • 27 އޮގަސްޓް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

މީޑިޔާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ މިއަދު ހަވާލްކުރެވިފައެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރ އަބްދުލް ހަންނާން " މީޑިޔާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ހުށައަޅަމުން ގެންދިޔަ ވަގުތުވެސް މަޖިލީސްބޭރުގައި ނޫސްވެރިން އެ ބިލް މަޖިލީހުން ނެރުމަށް މުޒާހަރާ ކުރަމުން ދިޔައެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި އެ ބިލު ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓް ދެއްވިއެވެ.

މިއަދުގެ ބިލާއި ބެހޭގޮތުން ހިތަދޫ ދާއިރާގެ މެމްބަރ އަހްމަދު އަޒާން ބުނެފައިވަނީ މީޑިޔާ ރެގިއުލޭޓްކުރާ ބިލް އިސްލާހުކުރަން ޖެހޭކަމަށެވެ. މި ބިލުގައި އޮތްގޮތުން ކޮމިޝަންއިން މައްސަލަ ބަލަންފަށާ ހިސާބުން އެ ނޫހެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަންއަށް އޮތުން އެއީ ގޯސް ކަމެއް ކަމަށާއި، އޭގެ ސަބަބުން ނާޖާއިޒު ފައިދާނެގުމުގެ ފުރުސަތު އޮންނަކަމަށްވެސް އަޒާން ވިދާޅުވިއެވެ.

މީޑިޔާ ބިލް މަޖިލީހުން ބަލައިގަތުމުން ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން މިއަދުވަނީ އިހުތިޖާޖުކޮށްފައެވެ. އަދި ނޫސްވެރިން އެ ސަރަހައްދުން ދުރައްޖައްސާ "އަދަދު" އަދި "ދައުރު" ގެ ދެ ނޫސްވެރިން ފުލުހުން ގެންދިޔަކަމަށް މައުލޫމާތުލިބެއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފުލުހުން ދޫކޮށްލިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ބިލާއި ދެކޮޅަށް މޯލްޑިވްސް މީޑިޔާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަންއާއި، ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ހާމަކޮށްފަވެއެވެ. އަދި މި ބިލާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ދަނީ ޕެޓިޝަނެއްގައި ސޮއި ވެސް މުރަމުންނެވެ. ނޫސްވެރިންނަށް ލިބިފައިވާ ހައްގުތައް ވަރަށް ބޮޑަށް ހަނިވާގޮތަށް ބިލް ފަރުމާކޮށްފައިވާކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)