ރޭގެ ވަގުތެއްގައި އއ.ތޮއްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ.
- 19 ޖޫން 2025
ރޭގެ ވަގުތެއްގައި އއ.ތޮއްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ 7:30 ކަންހާއިރު ގާޒީ މަގުގެ އުތުރު ފަރާތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެ މަގުގައި ހުރި ކުއްޖެއްގައިގައި ޖެހިގެންނެވެ. މަންޒަރުދުއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބޭގޮތުގައި އެ މަގުން ޒުވާން ފިރިހެން ކުއްޖަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން އެ ކުއްޖާ ގައިގައި ޖެހިފައިވަނީ އާއިލާގެ ބަޔަކާއެކު މަގުމަތީގައި ހުރެފައި ކުއްލިއަކަށް ދުއްވައިގަތުމުން ސައިކަލުގައި އައި މީހާއަށްވެސް ކޮންޓްރޯލް ނުވެގެންނެވެ. އަދި ސައިކަލު ސްޕީޑް ކޮންޓްރޯލް ކުރެވުނީވެސް އެކްސިޑެންޓްވެ ވަކި ހިސާބަކަށް ސައިކަލު ދިޔަފަހުން ކަމަށް މަންޒަރު ދުއް ފަރާތުން މައުލޫމާތު ދިނެވެ. އެކްސިޑެންޓްވުމާއެކު އެ ކުއްޖާ ވަގުތުން ތޮއްޑޫ ސިއްޙީމަރުކަޒަށް ގެންދެވުނު ކަމަށް މަންޒަރުދުއް ފަރާތުން މަޢުލޫމާތު ދެއެވެ. އަދި ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ފުރުވާލާފައިވާ ކަމަށް އެ ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. ތޮއްޑޫ ސިއްޙީމަރުކަޒުން މަޢުލޫމާތު ދެމުން ބުނީ ކުއްޖާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް އެ ކުއްޖާއަށް ލިބިފައި އޮތްކަމަށް ފާޙަގަކުރެވިފައި ނެތްނަމަވެސް އެތެރެއަށް ގެއްލުމެއް ލިބިފައި އޮވެދާނެކަމަށް ބަލައި އަވަހަށް މާލެ ފޮނުވާލާފައިވާކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން ތޮއްޑޫ ޕޮލިސް ޕޯސްޓަށް މަޢުލޫމާތު ހޯދާލުމަށް ގުޅާލުމުން ވިދާޅުވީ ފުލުހުންގެ ވެބްސައިޓުގައި މަޢުލޫމާތު ހިއްސާކުރާނެކަމަށެވެ.