ޗެމްޕިއަންސް ލީގުގެ ތައްޓަކަށް އިނގިރޭސި ކްލަބް އާރސެނަލްއިން ކުރަމުން އައި އުއްމީދު ޕީ.އެސް.ޖީން ފުނޑުފުނޑު ކޮށްލައިފި.
- 08 މެއި 2025
ޗެމްޕިއަންސް ލީގުގެ ތައްޓަކަށް އިނގިރޭސި ކްލަބް އާރސެނަލްއިން ކުރަމުން އައި އުއްމީދު ޕީ.އެސް.ޖީން ފުނޑުފުނޑު ކޮށްލައިފި.
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ މެޗްގައި ރޭ ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން އާރސެނަލްގެ މައްޗަށް ކުރި ހޯދީ 1-2 ލަނޑުންނެވެ. މި މެޗް ޕީއެސްޖީން ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމަށް ފައިނަލްގެ ޖާގަ ކަށަވަރުވަނީ ދެ ލެގުގެ ނަތީޖާއިން 1-3 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މިއީ ޕީއެސްޖީވެސް މުބާރާތުގެ ތައްޓަކަށް ކުރަމުން އަންނަ އުއްމީދަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. ރޭގެ މެޗް ފަށައިގެން ރަނގަޅަށް ކުޅެ އާރސެނަލްއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އެ ޓީމުން ކުރި އެޓޭކްތައް ހުއްޓުވުމުގައި މި ދެޓީމު ކުޅުނު ދެ މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ އިޓަލީ ކީޕަރ ދޮންނަރުމާގެ މޮޅު ކުޅުން ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީއަށް ލީޑް ނަގައިދިނީ ފަބިއަން ރުއިޒްއެވެ. މި ލީޑް އެ ޓީމަށް އިތުރަށް ފުޅާކޮށްދިނީ ދެވަނަ ހާފްގައި އަސްރަފް ހަކީމީއެވެ. 72 ވަނަ މިނެޓްގައި ހަކީމީ މި ލަނޑު ކާމިޔާބުކޮށްދީ ފަރަޤު ބޮޑުކޮށްފައިވަނިކޮށް އޭގެ 4 މިނެޓް ފަހުން އާރސެނަލްއަށް ލަނޑު ކާމިޔާބުކޮށްދީ ފަރަޤު ކުޑަކޮށްދީފައިވަނީ ބަކަޔޯ ސާކާއެވެ.
ރޭގެ މޮޅާއެކު ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފައިވާއިރު މިއީ އެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރި 2 ވަނަ ފަހަރެވެ. މީގެ ކުރިން ޕީއެސްޖީ ވަނީ 2020 ވަނަ އަހަރު ފައިނަލްގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެ ބަލިވެފައެވެ. ފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނީ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދާ ފައިނަލުން ޖާގަ ހޯދި އިޓަލީގެ އިންޓަރ މިލާންއާއެވެ.