ވާދަވެރި ކުޅުމަކަށްފަހު ބާސެލޯނާގެ މައްޗަށް ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަރ މިލާން ޖާގަ ހޯދައިފި.

  • 07 މެއި 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ވާދަވެރި ކުޅުމަކަށްފަހު ބާސެލޯނާގެ މައްޗަށް ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަރ މިލާން ޖާގަ ހޯދައިފި.

އިންޓަރ މިލާންގެ ދަނޑުގައި ރޭ ކުޅުނު ސެމީފައިނަލް ދެވަނަ ލެގުގެ މެޗް އިންޓަރ އިން ކާމިޔާބުކޮށްފައިވަނީ 3-4 ލަނޑުން ކުރި ހޯދާ ދެ ލެގުގެ ނަތީޖާއިން 6-7 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ރޭގެ މެޗް ފަށައިގެން ފުރަތަމަ ހާފްގައި އިންޓަރ މިލާންގެ ލައުޓާރޯ މާޓިނޭޒްއާއި ކަޅަނޮގްލު ވަނީ ދެ ގޯލް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މި ނަތީޖާގައި އޮވެ ދެވަނަ ހާފް ފެށި ނަމަވެސް ބާސާއިން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ތިން ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑް ނަގައި ފައިނަލްގެ އުއްމީދު އާކޮށްފައެވެ. މި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާސިއާއާއި، އޮލްމޯ އަދި ރަފީނިއާއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް އިންޓަރއަށް ފައިނަލްގެ އުއްމީދު އާކޮށްދިނީ އިތުރު ވަގުތުގައި އަސަރބީ ކާމިޔާބުކޮށްދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަވެގެންނެވެ. މި ލަނޑާއެކު މެޗްގެ ނަތީޖާ 3-3 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ އިތުރު 15 މިނެޓްގެ ދެހާފް ކުޅުވާށެވެ. އިންޓަރ މިލާންއަށް ފައިނަލުން ޖާގަ ހޯދައިދިނީ އިތުރަށް ކުޅުނު ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ފްރަޓެއްސީ ކާމިޔާބުކޮށްދިން ގޯލުންނެވެ.

މިއީ އިންޓަރ މިލާން މި ތިން އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރުގެ ފައިނަލްގައި އިންޓަރ މިލާންގެ މައްޗަށް މެންޗަސްޓަރ ސިޓީ 1-0 ލަނޑުން ކުރި ހޯދާ ވަނީ އެފަހަރުގެ ތަށި އުފުލާލާފައެވެ. ބާސެލޯނާއަށް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ދަތުރުކުރެވިފައިވަނީ މީގެ 10 އަހަރު ކުރިން 2015ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލްގައި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާ އެ މުބާރާތް ކާމިޔާބުކުރީ ބާސެލޯނާއެވެ.

ފައިނަލްގައި އިންޓަރ މިލާންއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީފައިނަލްގައި ފްރާންސްގެ ޕީއެސްޖީއާ، އިނގިރޭސި ވިލާތުގެ އާރސެނަލް ބައްދަލުކުރަ މެޗަށްފަހުއެވެ. މި ދެޓީމު އާރސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް ނިމިފައިވަނީ 0-1 ލަނޑުން ޕީއެސްޖީ ކުރި ހޯދައިގެންނެވެ.

Advertisement
Advertisement

ކޮމެންޓް (0)