ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15އަށް ހަމަވާނެ
- 08 ޖުލައި 2026
ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ. ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން އަހަރު 30 ނުފުރޭ ފަރާތްތަކަށެވެ.
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެއެވެ. މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވާ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް މިހާރު ވުޒާރާއިން ދަޢުވަތު ދެއްވާފައިވާކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
ޒުވާން ޚަޠީބުންގެ އަދަދު މިހާރު 621 އަށް އަރާފައިވާއިރު ޙާފިޡުންގެ އަދަދު 310 އަށް ވަނީ އަރާފައެވެ.


އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ






