" ޙަޔާތުގެ މަޤްޞަދު "

  • 24 މެއި 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ
" ޙަޔާތުގެ މަޤްޞަދު " އާޓިކަލް:7 (އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: 2 މިނިޓް)

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!

ހިތާމައަކީ، އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި، ނޭންގިތިބެ ނަމަވެސް، ﷲ ގެ ބައެއް އަމުރުފުޅުތަކަށް އިންކާރުކުރާ ބައެއް މީހުން އުޅޭކަމެވެ.

ފަރުވާކުޑަކަމުން ހެޔޮ ޢަމަލު ނުކުރެވުމާއި، ﷲ ގެ އެންގެވުންތަކަށް (އަމުރުފުޅުތަކާއި ނަހީތަކަށް) އިންކާރު ކުރުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. ފަރުވާކުޑަކަމުން ހެޔޮ ޢަމަލުތަކާ ދުރައްދެވުމުން ވަނީ ފާސިޤަކަށެވެ. ނަމަވެސް އިންކާރު ކުރުން ވަނީ ކިބުރުވެރިވެ ބޮޑާވެގަތުން ކަމުގައެވެ. ޝައިޠާނާ ވެއްޓުނީ އެ ދަށު ދަރަޖައަށެވެ. އެއީ ކުފުރުގެ ދަރަޖައެކެވެ.

އަލްއަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި، ކީރިތި ﷲ ވަޙީ ކުރައްވާފައި ވެއެވެ.

"وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ" "އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ."

"وَمَن يَعْصِ اللَّهَ وَرَسُولَهُ" "އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!)"

"فَقَدْ ضَلَّ ضَلَالًا مُّبِينًا" "ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ."

އަދި މީގެ އިތުރުން، ކީރިތި ﷲ، އީމާންވެގެން ތިބި މީސްތަކުންނަށް މުޚާތަބްކުރައްވާ، ވަކިން ޚާއްސަކޮށް ގޮވާލައްވާ، ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ 89 އަމުރުފުޅުގެ ތެރެއިން އެއް އަމުރުފުޅުގައި ވަނީ،

"يَا أَيُّهَا الَّذِينَ آمَنُوا" "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ!

"ادْخُلُوا فِي السِّلْمِ كَافَّةً" "ތިޔަބައިމީހުން އެންމެން އިސްލާމް ދީނަށް ފުރިހަމައަށް ވަންނާށެވެ!"

"وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ" "އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ!"

"إِنَّهُ لَكُمْ عَدُوٌّ مُّبِينٌ" އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާން ވެގެންވާ ޢަދުއްވެކެވެ."

(އަލްބަޤަރާ:208)

އަނެއްކާވެސް އަސްލު މަޥްޟޫޢަށް ދަމާ ހިނގާށެވެ!

ﷲ ގެ ވަޙީ ބަސްފުޅުގައިވަނީ، "إِنَّ الشَّيْطَانَ لَكُمْ عَدُوٌّ" "ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވަތްތެރިޔެކެވެ."

"فَاتَّخِذُوهُ عَدُوًّا" "ފަހެ، އެ ޝައިޠާނާއީ، ޢަދާވަތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ވެސް ދެކޭށެވެ!"

އެހެންވީމަ އޭނަގެ ޢަދާވާތްތެރިކަން އަޅުގަނޑުމެން ދަންނަން ޖެހޭނެއެވެ. ދަސްކުރަން ޖެހޭނެއެވެ. އެކަމަކު އަޅުގަނޑުމެން ޢަދާވާތްތެރިވަނީ ކާކާހެއްޔެވެ؟ ކޮން ބަޔަކާހެއްޔެވެ؟ އެކުވެރިވާންޖެހޭ މީހުންނާއެވެ. އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއެވެ. ޢަދާވާތްތެރި ވާން ނުޖެހޭ މީހުންނާއެވެ. ޢަދާވާތްތެރި ވާންޖެހޭ މީހާ ހުރީ ހުރިގޮތަށެވެ.

ނިކަން ވިސްނަވާށެވެ!

ދުވަހަކުވެސް ޝައިޠާނާއާމެދު ޢަދާވާތްތެރިވެގެން، ރުޅިއަރައިގަނެގެން މީހެއްގާތު، ޝައިޠާނާގެ ނުބައި ވާހަކަ ދެއްކުނުހެއްޔެވެ؟ އޭނާޔާ ދެކޮޅަށް ތެދުވިން ހެއްޔެވެ؟ އެކަމަކު މުސްލިމު އަޚާއާމެދު ޢަދާވާތްތެރިވެގެން، ރުޅިއައިސްގެން ކިތައްފަހަރު އަޅުގަނޑުމެންނަށް އެ އަޚާގެ ނުބައި ވާހަކަ، އަނެކާ ގާތު އެބަ ދެއްކޭހެއްޔެވެ؟

ޝައިޠާނާގެ މަސައްކަތް ވަރަށް ކާމިޔާބެވެ.

އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކައި، އަދި އަބަދުގެ އަބަދަށް އަޅުގަނޑުމެން ޖަހަންނަމައަށް ވައްޓާލުމަށްޓަކައި، އޭނާ އަޅުގަނޑުމެންގެ ހިތްތަކުގައި އެ އިންދާ ހައްދަނީ ޙަސަދައިގެ އޮށެވެ.

އޭނާ ގަދައަޅައި އެ މަސައްކަތް ކުރަނީ އޭނާ އަމިއްލައަށް ލިބިގަތް ބޮޑި އަޅުގަނޑުމެންނަށް ދޭށެވެ.

އެހެންވީމާ، މިހިސާބުން ދެން ޝައިޠާނާ، ޢަދާވާތްތެރިކަމާއެކު އަޅުގަނޑުމެން ވައްޓާލާ އަނދަވަޅުތަކަކީ ކޮބައިކަން ކުޑަކޮށް ނަމަވެސް ވިސްނާލަމާ ހިނގާށެވެ!

Advertisement
Advertisement

ކޮމެންޓް (0)