ރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެ

  • 07 އޮގަސްޓް 2026
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ފޮންޓު ސައިޒު: ށ ށ ށ

އަމިއްލަ ފަރާތަކުން ބިނާކުރާ މި މިސްކިތުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ މާރިޗުމަހުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މިސްކިތުގެ މިހާރުގެ ޖުމްލަ މަސައްކަތުގެ 86 އިންސައްތަ ވަނީ މުޅިން ނިމިފައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މިސްކިތަކީ، އަލްމަރުޙޫމް ފަޟީލަތުއްޝައިޚު އިސްމާއީލު މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް ކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. މި މިސްކިތަކީ، އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި، ކިޔަވާ ކުދިންނަށް ރިސާރޗު ހެދުމަށާއި، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތުގެ އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތުގައި ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދީ އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންހެނުންނަށް ވެސް ޚާއްސަކޮށް ނަމާދު ކުރެވޭ ޖާގައަކާއެކު ފާޚާނާބަރި އެއްވެސް މި މިސްކިތުގައި ހުންނާނެއެވެ. މިސްކިތް ހުޅުވުމަށްފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިސްކިތުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ އިރު، ހުޅުމާލޭގެ އާބާދީއަށް އަންނަމުންދާ ކުރިއެރުމާ އެއްގޮތަށް ރައްޔިތުންނަށް ނަމާދުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މިސްކިތްތަކެއް ބިނާކުރަމުންނެވެ.

Advertisement
Advertisement

ކޮމެންޓް (0)