ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ އުހަށް އިނގިރޭސި ކްލަބް ޗެލްސީ ޖެހިލައިފި.

  • 14 ޖުލައި 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ އުހަށް އިނގިރޭސި ކްލަބް ޗެލްސީ ޖެހިލައިފި.

އެމެރިކާގައި ކުރިއަށްދިޔަ ފީފާ ކްލަބް ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޗެލްސީ ރޭ ކާމިޔާބުކުރީ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީގެ މައްޗަށް 0-3 ލަނޑުން ކުރި ހޯދައިގެންނެވެ. ގިނަ ބަޔަކު ހީކުރިގޮތާ ޙިލާފަށް ފައިނަލް މެޗް ޗެލްސީ ކާމިޔާބުކުރިއިރު މެޗްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗް ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީވެސް ޗެލްސީންނެވެ. ކޯލް ޕާމާރ ފޮނުވާލި މި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފްގެ 22 ވަނަ މިނެޓްގައި ޗެލްސީއަށް ލީޑް ނަގައިދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ކޯލް ޕާމާރއެވެ. ޕާމާ ވަނީ މި މެޗްގެ 30ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ޖެހުމަށް އެހީވެދީފައެވެ. މެޗްގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލަށް އެ ޓީމާ ގުޅުނު ބްރެޒިލްގެ ފޯވާރޑް ޖޯ ޕެޑްރޯއެވެ. މެޗްގައި ޗެލްސީގެ ކީޕަރ ރޮބާޓް ސަންޗޭޒް އަދި ޕީއެސްޖީގެ ކީޕަރު ދޮންނަރުމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ދެ ޓީމުންވެސް ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދެ ކީޕަރުންވެސް ވަނީ ދިފާޢުކޮށްފައެވެ. މެޗް ނިމެން 5 މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ ޖާއޯ ނޭވެސްއަށް ވަނީ ޗެލްސީގެ ކުކުރެލާގެ ބޮލު އިސްތަށީގައި ހިފައި ދަމައިގަތުމުގެ ސަބަބުން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ޗެލްސީގެ ސަންޗޭޒްއެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ކޯލް ޕާމާރ ހޮވުނުއިރު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕީއެސްޖީގެ ޑިޒިރޭ ޑުއޭއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑްގެ ރައުލް ގާސިއާއެވެ. ޗެލްސީ ވަނީ ނިމިދިޔަ ސީޒަންގެ ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި މިއީ ކްލަބް ވާލްޑްކަޕް ފުޓްބޯޅަ މުބާރާތް އެ ޓީމުން ކާމިޔާބުކުރި ދެވަނަ ފަހަރުއެވެ. ޗެލްސީން ވަނީ 2021ވަނަ އަހަރުގެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

Advertisement
Advertisement

ކޮމެންޓް (0)