ހޯޕް ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ސާފް ކުރުމުގެ ޕްރޮގްރާމް ތޮއްޑޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު އޮންނާނެ.
- 30 އޭޕްރިލް 2025
ހޯޕް ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ސާފް ކުރުމުގެ ޕްރޮގްރާމް ތޮއްޑޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު އޮނާނެއެވެ.
މި ޙަރަކާތަކީ ތޮއްޑޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހޯޕް ޖަމިއްޔާއިން އިސްނަގައިގެން ތޮއްޑޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށާ އަދި އެހެނިހެން އަމިއްލަ ފަރުދުން ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށް ހޯޕް ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.
މި ޙަރަކާތް އޮންނާނީ މިއަދު ހަވީރު 16:30 އިން 17:30 އަށް ތޮއްޑޫ ބަނދަރު ސަރަޙައްދުގައެވެ. މިއަދު ސާފްކުރުމަށް ހަމަޖައްސާފައިވާ ބަނދަރު ސަރަހައްދަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަސްވެސް ފާޙަގަކުރުމަށް ނިންމާފައިވާ ސަރަޙައްދެވެ. އެ ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި ރަށް ސާފް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމީ ރަށުތެރެ ރީތިކޮށް ސާފްކޮށް ބެހެއްޓުމަށާއި އަދި މިހާރު ރަށުތެރޭގައި ޑެންގޫ ހުން ގިނަވަމުން ދާތީ މަދިރި އާލާވާކަހަލަ ތަންތަން ނައްތާލާ މަދުކުރުމުގެ ނިޔަތުގައެވެ. އަދި ތޮއްޑޫއަކީ ދަނޑުވެރިކަމުގެ އިތުރުން ލޯކަލް ޓުއަރިޒަމް އެންމެ ފުޅާވަމުން އަންނަ އެއް ރަށަށްވެފައި ރަށުތެރެ ސާފްތާޙިރުކޮށް ރީތިކޮށް ބޭއްވުމަކީ ރަށަށް އަރާ މެހެމާނުންނާއި ރަށު ރައްޔިތުންނަށްވެސް އެކަމުން ފަސޭޙަތައް ލިބިގެންދާނެ ކަމަކަށްވާތީ އެ ނިޔަތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.