ލީގުގައި ބާކީ އިތުރަށް ހަތަރު މެޗް އޮއްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ލިވަރޕޫލުން ކާމިޔާބުކޮށްފި.
- 28 އޭޕްރިލް 2025
ލީގުގައި ބާކީ އިތުރަށް ހަތަރު މެޗް އޮއްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ލިވަރޕޫލުން ކާމިޔާބުކޮށްފި.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗް ލިވަރޕޫލުން ކާމިޔާބުކޮށްފައިވަނީ ފަސޭޙަކަމާއެކު 1-5 ލަނޑުންނެވެ. މި މެޗަށް ލިވަރޕޫލް ނުކުތްއިރުވެސް އެ ޓީމަށް އޮތީ ގާތްގަނޑަކަށްހެން މިފަހަރުގެ އިނގިރޭސި ލީގުގެ ތަށި ޔަޤީންވެފައެވެ. ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޓޮޓެންހަމްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮލަންކޭއެވެ. މި ލީޑްގައި ޓޮޓެންހަމްއަށް އޮވެވުނީ 3 މިނެޓުއެވެ. ލިވަރޕޫލްގެ ލުއިސް ޑިއާސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ލިވަރޕޫލްގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މެކަލިސްޓާރ، ގަކްޕޯގެ އިތުރުން ސަލާޙްއެވެ. ލިވަރޕޫލްގެ 5ވަނަ ލަނޑަކީ ޓޮޓެންހަމްގެ އުޑޮގީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ރޭ މި ލިބުނު ތިން ޕޮއިންޓާއެކު ލިވަރޕޫލަށް ލީގް ކަށަވަރުވެފައިވާއިރު އެ ޓީމް ތާވަލްގެ އެއްވަނާގައި މިވަގުތު އޮތީ 34 މެޗް ކުޅެގެން 82 ޕޮއިންޓާއެކުއެވެ. އެ ޓީމަށްވުރެ 15 ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނާގައި މިވަގުތު އޮތީ 67 ޕޮއިންޓާއެކު އާރސެނަލްއެވެ. ރޭ ލިވަރޕޫލުން ކާމިޔާބުކުރި އިނގިރޭސި ލީގުގެ 20ވަނަ ތައްޓާއެކު އެ ޓީމު މިވަގުތު މި ވަނީ ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ކްލަބް، މެންޗަސްޓަރ ޔުނައިޓެޑާ އެއް އަދަދަކަށް ލީގް ތަށި އުފުލާލާފައެވެ. މެންޗަސްޓަރ ޔުނައިޓެޑްވެސް ވަނީ އިނގިރޭސި ލީގު 20 ފަހަރު ކާމިޔާބުކޮށްފައެވެ.
ލިވަރޕޫލަށް ލީގު ތަށި ހަވާލުކުރުން އޮންނާނީ އެ ޓީމުން މޭ މަހުގެ 25ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ އެންމެ ފަހު މެޗްގައެވެ. ލިވަރޕޫލް އެންމެ ފަހުން ލީގު ތަށި ކާމިޔާބުކޮށްފައިވަނީ 2019 – 2020 ވަނަ އަހަރުގެ ސީޒަންގައެވެ.