ޕައިލަޓް ދެކޮޅު ހެދިޔަސް ﷲ ގެ މެހެމާނު ނުލާ ނުފުރުނު!

  • 28 މެއި 2025
އަލިފު އަލިފު
ފޮންޓު ސައިޒު: ށ ށ ށ

ކޮންމެ އަހަރެއްގެ ޙައްޖުމަސް ފެށެންވާއިރަށް ތަފާތު ހަބަރު ތަކުން ސޯޝަލް މީޑިއާ ފުރާލައެވެ. އެގޮތުން މި ފަހަރު ގެ ޙައްޖު މޫސުމާ ދިމާކޮށް ވައިރަލްވި އެއް ވާހަކަ އަކީ ގައިން ހީބިހި ނަގައިގެންދާފަދަ ތަފާތު ޙަބަރެކެވެ. ފިލާވަޅެކެވެ. ދަރުސެކެވެ. ހަނދާން ކުރުމެކެވެ. ހަނދާން ކޮށްދިނުމެކެވެ. އީމާންކަން އިތުރުކޮށްދޭ ޢިބުރަތުން ފުރިގެންވާ ހާދިސާ އެކެވެ. ﷲ ވޮޑިގެން ވާކަމުގެ ވަރުގަދަ ދަލީލެކެވެ.

ލީބިޔާގެ އާމިރު އަލް މަޙްދީ މަންސޫރު އަލް ގައްޛާފީ ނަމަކަށް ކިޔާ ޒުވާނަކު ހައްޖަށް ދިއުމަށްޓަކާ އެއަރ ޕޯޓަށް ދިޔައެވެ. އާމިރުވެސް އެހެން ޙައްޖާޖީންނެކޭ އެއްގޮތަށް ވަގުތަށް އެއަރ ޕޯޓަށް ދިޔައެވެ. އަދި ކިޔުގައި ޖެހުނެވެ. ނަމަވެސް އާމިރަށް ކުރިއަށް ދެވޭގޮތް ނުވީ ސެކިޔުރިޓީ ސަބަބު ތަކެއް ދިމާވެގެންނެވެ. އެއަރޕޯޓުގެ އިމިގްރޭޝަނުން އާމިރު ހުއްޓުވަން ޖެހުނު ސަބަބެއްކަމަށް ލީބިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ އާމިރުގެ ނަމުގެ ފަހަތަށް "ގައްޛާފީ" އައިސްފަ އޮތުމުންނެވެ. ހައްޖާޖީންގެ އެންމެން ފުލައިޓަށް އަރާ ނިމިއްޖެއެވެ. އެއަރޕޯޓު ސެކިޔުރިޓީންނާއި އޮފިޝަލުން އާމިރު ދުލެއް ނުކުރިއެވެ. ސަލާމަތީ ސަބަބުތަކަށްޓަކާ އާމިރާ ސުވާލުކުރަމުން ގެންދިޔައެވެ. ފްލައިޓް ފުރާގަޑި ޖެހިއްޖެއެވެ. އާމިރަށް ދިމާވި ސަލާމަތީ މައްސަލަ ސާފުކުރެވި ހައްލުވެސް ކުރެވިއްޖެއެވެ. ނަމަވެސް ފްލައިޓުގެ ޕައިލަޓް، އިންޖީން ސްޓާޓްކޮށްފައި އޮތް މަތިންދާ ބޯޓުގެ ދޮރު ހުޅުވާކަށް އެއްބަހެއް ނުވިއެވެ. އަދި އާމިރު ނާރުވައި ބޯޓު ފުރިއެވެ. ބޯޓު ފުރުމުން ވެސް އާމިރު އެއަރޕޯޓުގައި މަޑުކުރިއެވެ. އަދި އެނބުރި ދާން ދެކޮޅު ހެދިއެވެ. ބައެއް އޮފިޝަލުން، " މިފަހަރު ތިބާއަށް ޙައްޖު ލިޔެވިފައި ނެތީ ކަމަށްވެސް ވެދާނެއޭ" ބުނެ އާމިރު ފޮނުވާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާމިރުގެ ޢަޒުމު ވަރުގަދައެވެ. ﷲ އަށް އޮތް އިތުބާރު އެއަށްވުރެވެސް ބޮޑެވެ.

ދެންފެނިގެން ދިޔައީ ކުއްލިއަކަށް ހައްޖާޖީން ގޮވައިގެން ދިޔަ ބޯޓު އަނބުރާލާފައި އައިސް ރަންވޭއަށް ޖެއްސި ތަނެވެ. އުދުއްސާލިތާ މަދު ވަގުތުކޮޅެއްތެރޭ ބޯޓަށް ދިމާވި ޓެކުނިކަލް މައްސަލައެއްގެ ސަބަބުން ބޯޓު އަނބުރާ ޖައްސަން މަޖުބޫރުވިއެވެ. ބޯޓު ރަންވޭއަށް ޖައްސާ ދިމާވި ޓެކުނިކަލް މައްސަލަ ޙައްލުކޮށް އަނެއްކާވެސް މައްކާއަށް ދިޔުމަށް ފުރިއެވެ. ނަމަވެސް އާމިރަށް ޓަކާ ބޯޓުގެ ދޮރު ހުޅުވާކަށް ކެޕްޓަންގެ ހުއްދައެއް ނުލިބުނެވެ.

އާމިރުހުރީ އެއަރޕޯޓުގައެވެ. ވަރުގަދަ އީމާންތެރިކަމެއް ހިތުގައިވާ އާމިރުގެ ބަހަކަށް ވީ "ﷲ އިރާދަކުރެއްވިއްޔާ ތިމަންނަ ދާނަމެވެ" ﷲ ގެ ގެކޮޅު އާމިރަށް އިންތިޒާރުކުރަމުން ދިޔައެވެ. އަނެއްކާވެސް ހަމަ ކުއްލިއަކަށް ބޯޓަށް ޓެކުނިކަލް މައްސަލައެއް ދިމާވިއެވެ. މި ފަހަރުވެސް ބޯޓު އަނބުރާ ޖައްސަން މަޖުބޫރު ވިއެވެ.

ދެ ފަހަރަށް ބޯޓަށް މައްސަލަދިމާވެ އަނބުރާ ޖައްސަންޖެހުމުން ކެޕްޓަނަށް ވިސްނިއްޖެއެވެ. "އާމިރު ނުލާ ތިމަންނަ ނުފުރާނަމެވެ" ކެޕްޓަނަށް ބުނެވުނެވެ. އާމިރަށް ހުއްދަދެވި ބޯޓަށް އެރިއެވެ. އަދި ބޯޓުގެ ޕައިލެޓުންނާއި ކުރޫން އާމިރާއެކު ފޮޓޯ ނެގިއެވެ. މިއަދު އާމިރުގެ ވާހަކައިން ސޯޝަލް މީޑިއާ ފުރާލައިފިއެވެ. ދުނިޔޭގެ މީޑިއާ ތަކުގެ ފަލަ ސުރުޚީއަށް އާމިރު އަރައިފިއެވެ. މިވަގުތު އާމިރު ހުރީ މައްކާގެ މާތް ބިމުގައެވެ. ﷲ ގެ މާތް ގެކޮޅުގެ އަރިހުގައެވެ. މީޑިއާ ތަކުން އާމިރު ސިފަ ކުރަމުން އެދަނީ ﷲގެ " ހާއްސަ މެހެމާނެއްގެ" ގޮތުގައެވެ. ލިބިގެން މި ދިޔައީ ޢިބުރަތްތެރި ފިލާވަޅެކެވެ. ހުރިހާ ކަމެއްގެ ފުރިހަމަ ބާރާއި މިލްކުވެރިކަން އޮތީ ޙައްޤުވަންތަ ﷲ އަށެވެ.

Advertisement
Advertisement

ކޮމެންޓް (0)