" ޙަޔާތުގެ މަޤްޞަދު "
- 20 މެއި 2025
އާޓިކަލް:6
(އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: 2 މިނިޓް)
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
ޝައިޠާނެ ޢަދާވާތްތެރިކަން އަޅުގަނޑުމެން އިންސާނުންގެ މައްޗަށް ހުންނާނެވަރު ނިކަން ވިސްނަވާށެވެ!
އޭނާ ދިރި ދުނިޔޭގައި ހުންނަން ބޭނުންވި ހަމައެކަނި މަޤްޞަދަކީ އިންސާނުން މަގުފުރެއްދުމެވެ.
މުޅި އިންސާނިއްޔަތު އެއްކޮށް އެކީއެކައްޗަކަށް މަގުފުރައްދާނެކަމަށް އޭނާ ހުވާކޮށް ވަޢުދުވެ ޗެލެންޖުކޮށް ގޮންޖަހާލީ، ޢާލަމްތަކުގެ ވެރި، މުޅި މި ކާއިނާތުގެ ވެރި ރައްބަށެވެ.
އޭނާގެ ހިތުގައި އަޅުގަނޑުމެންނާއިމެދު ވަނީ ކޮޅުނެތްކޮޅަށް ޙަސަދައެވެ. ނުނިޔަތެވެ. ޢަދާވާތްތެރިކަމެވެ.
އެ ވާހަކަތަކަށް ވިސްނުމުގެ ނަޒަރަކުން ބައްލަވާލައްވާށެވެ!
އަލްބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
• وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު، (ކަލޭގެފާނު) ހަނދުމަކުރައްވާށެވެ!
• فَسَجَدُوا إِلَّا إِبْلِيسَ ފަހެ، އިބްލީސް ފިޔަވައި، މަލާއިކަތުން ސަޖިދަ ކުރެއްވިއެވެ.
• أَبَىٰ وَاسْتَكْبَرَ އެކަލޭގެ އެކަމާ ދެކޮޅުހަދާ، އެކަމުން މަނާވެގަނެ، ކިބުރުވެރިވިއެވެ.
• وَكَانَ مِنَ الْكَافِرِينَ އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ.
އަދި އަލްއަޢްރާފް ސޫރަތުގެ 12 ވަނަ އާޔަތުގައި ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ.
• قَالَ މާތް ﷲ ވަޙީ ކުރެއްވިއެވެ.
• مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ތިމަންރަސްކަލާނގެ ކަލެޔަށް އަމުރު ކުރެއްވިހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟
• قَالَ އެކަލޭގެ ދެންނެވިއެވެ.
• أَنَا خَيْرٌ مِّنْهُ އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. މާ ހެޔޮކަން ބޮޑެވެ.
(ދެން އޭނަ އަމިއްލައަށް އޭނަގެ މޮޅުކަން ބަޔާންކޮށްދެމުން ދެންނެވިއެވެ.)
• خَلَقْتَنِي مِن نَّارٍ އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ.
• وَخَلَقْتَهُ مِن طِينٍ އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.
އަލްޙިޖުރު ސޫރަތުގެ 33 ވަނަ އާޔަތުގައި ކީރިތި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
• قَالَ އެކަލޭގެ ދެންނެވިއެވެ.
• لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް ސަޖިދަ ކުރާކަށް ތިމަން ނެތީމެވެ.
އަދި މުހިންމު އާޔަތްތައް ކުރިޔަށް ހުރީއެވެ. ނަމަވެސް މިހިސާބުން ލިބޭ ފިލާވަޅުތަކަށް ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ!
ކީރިތި މާތް ﷲ އެ އިލާހުގެ ދެ އަތްޕުޅުން، އާދަމްގެފާނު ޚަލްޤުކުރައްވަވާ، އާދަމްގެފާނު މާތްކުރައްވަވާ، އާދަމްގެފާނަށް ސަޖިދަ ކުރެއްވުމަށް މަލާއިކަތް ބޭކަލުންނަށް އެންގެވިހިނދު، މަލާއިކަތުންގެ ތެރޭގަ، މަލާއިކަތެއްގެ ދަރަޖައިގައި މާތް ﷲ ލައްވާފައިވާ ޖިންނީންގެ، ބަފާ ކަމުގައިވާ އިބްލީސް، އެކަމާ ޙަސަދަވެރިވެ، ކިބުރުވެރިވެ، ބޮޑާވެގަނެ، އެކަމަށް އިންކާރުކޮށް ދެކޮޅުހަދާ، އާދަމްގެފާނަށް ސަޖިދަކުރުމުން އޭނަ މަނާވެގަތްގަތުމަށް ފަހު، އޭނާ ކުށްވެރިވީކަން އެނގުމުންވެސް، އޭނާގެ ކުށަށް އިޢްތިރާފްވެ ތައުބާ ވުމުގެ ބަދަލުގަ، އޭނާ އިޚްތިޔާރުކުރީ ކީރިތި ﷲ އަށް ޗެލެންޖު ކުރުމެވެ.
ނިކަން ވިސްނަވާށެވެ!
މީ ހިތަށް ޙަސަދަވެރިކަމާ ކިބުރުވެރިކަން ވަނީމައި ދިމާވާ އެންމެ ނުރައްކާތެރި ޙާލަތެވެ. ވެއްޓޭ ނިކަމެތި ދަރަޖައެވެ.
މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ނަފްސުތައް ވަރަށް ބޮޑަށް ހޭލައްވާލަން ޖެހޭ މަޥްޟޫޢެކެވެ.
އިސްވެދިޔަ އާޔަތްތަކުން ފުރަތަމަ އަޅުގަނޑުމެން ލިބިގަންނަންވީ އެއްފިލާވަޅަކީ ކީރިތި ﷲ ގެ އަމުރުފުޅުތަކަށް އިންކާރު ކުރުމުގެ ނުރައްކާތެރިކަމެވެ. ސަބަބަކީ، ބައެއް އިންކާރު ތަކަކީ، އެއީ މީހާ ކުފުރުގެތެރެއަށް ގެންދާ ކަންކަމެވެ.
އިބިލީހުގެ އެ ޢަމަލާ ގުޅިގެން ﷲ ވަޙީކުރައްވާފައި އެވަނީ، وَكَانَ مِنَ الْكَافِرِينَ "އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ." މިފަދައިންނެވެ. ނަމަވެސް އޭނާ އިންކާރުކުރީ ހަމަ އެންމެ ކަމަކަށެވެ. އެއީ އާދަމްގެފާނަށް ސަޖިދަ ކުރުމަށެވެ. ﷲ އަށް ސަޖިދަކުރުމަށް އޭނާ އިންކާރެއް ނުކުރެއެވެ. ނަމަވެސް އޭނާގެ އެ ޢަމަލުގެ ސަބަބުން އޭނާ އެވީ ކާފިރަކަށެވެ.