ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
- 23 އޮގަސްޓް 2026
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެންބަރުންގެ އަޣުލަބިއްޔަތަކުންނެވެ. މި ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ 2 މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. ބިލު ފާސްވެގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓު ދިރާސާކޮށް ނިންމިގޮތަށް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާވެސް އެކުގައެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، "ޑެސްޓިނޭޝަން ޕްރިންސިޕަލް" (ޚިދުމަތް ލިބޭ ތަނުން ޓެކްސް ނެގުން) ތަންފީޒުކުރުމަށް ގެނެވުނު ބަދަލެކެވެ. ސަރުކާރުގެ އަންދާޒާއަކީ މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވުމެވެ.
މި އިސްލާހުގެ ދަށުން ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތެއްގެ ގޮތުގައި ބަލާނެ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ: • ދާއިމީ ތަނެއް ހުރުން: ރާއްޖޭގައި ހުރި ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދިނުން. • އަމަލީ މަސައްކަތް: ރާއްޖޭގައި ރަޖިސްޓްރީވެފައި ނެތް ނަމަވެސް، ޚިދުމަތް ދިން ވަގުތު ރާއްޖޭގައި ހުރެ އަމަލީ މަސައްކަތް ކުރުން. • ނުއުފުލޭ މުދާ: ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅުންހުރި ޚިދުމަތަކަށް ވުން. • އިންބައުންޑް ޓޫރިޒަމް: ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ނަމަވެސް، ރާއްޖޭގެ އެކޮމޮޑޭޝަން، ކެއުން، އަދި ދަތުރުފަތުރު ފަދަ ޚިދުމަތްތައް ބޭރުން ވިއްކުން.
މި ބިލުގެ ސަބަބުން ޓެކްސް ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.


ރައްޔިތުންގެ މަޖިލީސް




