ޤާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް!
- 02 ސެޕްޓެމްބަރ 2026
ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ގެ ނަމުގައި މުޅިން އައު ޤާނޫނަކަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ މި ޤާނޫނަކީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވައި، ދަތުރުފަތުރުގެ ނިޒާމު ހަމަމަގަށް އެޅުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މުހިންމު ބިލެކެވެ.
މި އައު ޤާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި، އާންމުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ފަދަ ގޮތްގޮތަށް ޢަމަލުކުރާ ޑްރައިވަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކުރުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުމަކީ ކަނޑައެޅިގެން މަނާ އަދި ބޮޑެތި އަދަބުތައް ލިބޭނެ ކުށްތަކެކެވެ.
ކަނޑައަޅާފައިވާ ބޮޑެތި ޖޫރިމަނާތައް:
އާންމު ހާލަތްތަކުގައި ކުށުގެ ކުޑަބޮޑުމިނަށް ބަލައި -/25,000 ރުފިޔާއާއި -/50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަނިޔާއެއް ލިބިއްޖެނަމަ އެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު -/50,000 އިން ފެށިގެން -/100,000 ރުފިޔާއާ ހަމައަށް ބޮޑުވާނެއެވެ..
ކުޑަކުއްޖަކާ ހަވާލުކޮށްފިނަމަ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާނަމަ، ސީދާ އެންމެ ބޮޑު އަދަބު ކަމުގައިވާ -/50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަނިޔާއެއް ލިބިއްޖެނަމަ -/100,000 ރުފިޔާއިން ޖޫރިމަނާކުރަން ޖެހޭނެއެވެ
ލައިސަންސް ހިފެހެއްޓުމާއި ޖިނާއީ ދަޢުވާ: މަގުމަތީގެ ނުރައްކާ ބޮޑުވާ މިފަދަ ކަންކަމުގައި ކުށް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސް ނެތް ފަރާތެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެއެވެ. މި މުއްދަތު ހަމަވުމުން ވެސް އަލުން ލައިސަންސް ދޫކުރެވޭނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ. މީގެއިތުރުން، މިފަދަ ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައެއް ގެއްލިއްޖެނަމަ ޤާނޫނުލްއުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ކަމާބެހޭ މުއައްސަސާތަކުން މިހާރު ދަނީ މި ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.


ރައީސް އޮފީސް، ދިވެހިި ފުލުހުން




