ކޮޅުމަޑުލު އަތޮޅު އިންޓާރ ސްކޫލް ސްޕޯޓްސް މުބާރަތް މިއަދު ފަށައިފި.
- 22 އޮގަސްޓް 2025
ކޮޅުމަޑުލު އެޓޯލް އިންޓާރ ސްކޫލް ސްޕޯޓްސް ކޮމްޕެޓިޝަން 2025 އަކީ މިއަތޮޅުގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ހުޅުވާލާފައިވާ ބައިތަކަކީ ފުޓްސަލް އާއި ހޭންޑްބޯލް އެވެ.
މި މުބާރާތުގައި 9 ރަށަކުން ބައިވެރިވެފައިވާއިރު ކޮންމެ ރަށަކުންވެސް ފުޓްސަލް ޓީމަކާއި ހޭންޑްބޯލް ޓީމެއް ވާދަކުރެއެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ޒޯން އަކަށް ބެހިގެންނެވެ. ޒޯން 1 ގައި ހިމެނޭ ރަށްތަކަކީ، ދިޔަމިގިލި، ގުރައިދޫ އަދި ގާދިއްފުށިއެވެ. ޒޯން 1 ގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ދިޔަމިގިލީގައެވެ. ޒޯން 2 ގައި ހިމެނޭ ރަށްތަކަކީ، ތިމަރަފުށި، ވޭމަންޑޫ އަދި ކިނބިދޫއެވެ. ޒޯން 2 ގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ވޭމަންޑޫގައެވެ. އަދި ޒޯން 3 ގައި ހިމެނޭ ރަށްތަކަކީ، އޮމަދޫ، ހިރިލަންދޫ އަދި ކަނޑޫދޫއެވެ. ޒޯން 3 ގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ހިރިލަންދޫގައެވެ.
ތިން ޒޯން އަކަށް ބެހިގެން ކުޅެވޭ މި މުބާރާތުގައި ސެމީފައިނަލް އަށް ކޮންމެ ޒޯން އަކުން އެންމެ މޮޅު ޓީމް ތައް ވާދަކޮށް ފައިނަލް މެޗްއަށް ޓީމް ނެގިގެން ދާނެއެވެ. ޒޯން ތަކުގެ މެޗްތައް ކުރިއަށްދާނީ، އޯގަސްޓް 22 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮޅުމަޑުލު އެޓޯލް އިންޓާރ ސްކޫލް ސްޕޯޓްސް ކޮމްޕެޓިޝަން އަކީ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިން އިސްނަގައިގެން ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެއްކަމަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްއިން މައުލޫމާތު ދެއެވެ. އަދި މިއީ މި މުބާރާތް ބޭއްވޭ ދެވަނަ ފަހަރެވެ.