ޑޮލަރު ލިބުމުގެ މައްސަލާގައި އެމް.ޑީ.ޕީ ޕާލަމްޓްރީ ގްރޫޕުން އެމް.އެމް.އޭއަށް ދިއުމުން ގަވަރުނަރު ފިއްލަވައިފި.
- 21 ޖުލައި 2025
ޑޮލަރު ލިބުމުގެ މައްސަލާގައި އެމް.ޑީ.ޕީ ޕާލަމްޓްރީ ގްރޫޕުން އެމް.އެމް.އޭއަށް ދިއުމުން ގަވަރުނަރު ފިއްލަވައިފި.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރު ކުރާތީ އެމްޑީޕީން ފޮނުވި ސިޓީއަށް ޖަވާބު ދެއްވައިފައި ނުވާތީ, އެ ޕާޓީގެ މަޖިލިސް މެންބަރުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރުމަށް، އެމްއެމްއޭއަށް ވަޑައިގެންނެވުމުން އެ ބޭފުޅުންނާ ބައްދަލުނުކުރައްވާ ވަނީ ގޮސްފައެވެ. އެމް.ޑީ.ޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒުނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ޕީޖީއާ ބައްދަލުކުރުމަށް އަވަސް ފުރުސަތެއް ދެއްވުމަށް އެ ސިޓީގައި މުނައްވަރުގެ ކިބައިން އެދިފައިވެއެވެ. ނަމަވެސް އެ ސިޓީއަށް މުނައްވަރު ޖަވާބެއް ދެއްވާފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާއަށް ފަހު މިއަދު އެމްއެމްއޭގެ އޮފީހަށް ވަޑައިގެންފައެވެ. އެމްޑީޕީން މިއަދު ފޮޓޯއަކާ އެކު 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ ޕާޓީގެ މަޖިލީހުގެ މެންބަރުންގެ ނަމުގައި ފޮނުވި ސިޓީއަށް މުނައްވަރު ޖަވާބެއް ދެއްވާފައިނުވާތީ ގަވަރނަރާ ބައްދަލުކުރަން ދިޔަނަމަވެސް ބައްދަލުކޮށްފައި ނުވާކަމަށެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.