" ޙަޔާތުގެ މަޤްޞަދު "
- 24 މެއި 2025
" ޙަޔާތުގެ މަޤްޞަދު "
އާޓިކަލް:8
(އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: ދޮޅު މިނިޓް)
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
އިބްލީސް އާދަމްގެފާނާމެދު ޙަސަދަވެރިވެ، ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ކިބުރުވެރިވެ ބޮޑާވެގަނެ، ސަޖިދަކުރުމުން މަނާވެގަތީމައި، ކީރިތި ﷲ (މޮޅަށް ދެނެވޮޑިގެންވާ ޙާލު) އޭނާޔާ ސުވާލުކުރެއްވީ،
مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ތިމަންރަސްކަލާނގެ ކަލެޔަށް އަމުރު ކުރެއްވިހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟
قَالَ އެކަލޭގެ ދެންނެވިއެވެ.
أَنَا خَيْرٌ مِّنْهُ އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. މާ ހެޔޮކަން ބޮޑެވެ.
(ދެން އޭނަ އަމިއްލައަށް އޭނަގެ މޮޅުކަން ބަޔާންކޮށްދެނީ.)
خَلَقْتَنِي مِن نَّارٍ އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ.
وَخَلَقْتَهُ مِن طِينٍ އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.
ވިސްނަވާށެވެ!
ކިބުރުވެރިކަމުގެ މި އަނދަވަޅަށް ވެއްޓިފައިވަނީ ކިތައް މުސްލިމުން ހެއްޔެވެ؟
ﷲ ގެ ފަޟުލަވަންތަކަމުން ދެއްވި ނިޢުމަތްތަކާމެދު ބޮޑާވެ ކިބުރުވެރިވެ އަމިއްލަ ނަފްސަށް ފަޚުރުވެރިވަނީ ކިތައް މުސްލިމުންހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
ތަޤުވާވެރިންގެ ޙަޤީޤީ ސިފައަކީ އަބަދުވެސް އަމިއްލަ ނަފްސާމެދު ތަވާޟުޢުވެރިވެ ﷲ އަށް ބިރުވެތި ވެ އެކަލާނގެއަށް ޝުކުރުވެރިވުމެވެ.
ﷲ ގެ ވަޙީ ބަސްފުޅަށް ނިކަން ވިސްނަވާށެވެ!
فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތަޢުރީފުކޮށް ފަޚުރުވެރި ނުވާށެވެ! ތަޤްވާވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
(އައްނަޖުމު:32)
އަޅުތަކުންގެ މެދުގައި ކީރިތި ﷲ ގެ ނިޢުމަތްތައް ބެއްސެވީ އެކަލާނގެއެވެ. ޙަޤީޤަތުގައި އެއްވެސް ނިޢުމަތަކީ އަމިއްލައަށް ހޯދައިގަނެވޭ ނިޢުމަތެއް ނޫނެވެ.
ކީރިތި ﷲ ގެ ޙިކުމަތްވަންތަ ބެއްސެވުމުގެ ތެރެއިން، މުއްސަނދިކަމާޢި މުދާވެރިކަމާއި ތަނަވަސްކަން ދެއްވީ ވަކި ބަޔަކަށެވެ. އަނެއް ބަޔަކަށް ދެއްވީ ފަޤީރުކަމެވެ. ދެގޮތުގައިވެސް އޮތީ ގޮތް ބެއްލެވުމާއި އިމްތިޙާނު ކުރެއްވުމެވެ.
ކީރިތި ﷲ އެކި މީހުންގެ ކިބައިގައި އެކި ހުނަރު ލެއްވިއެވެ. އެއްވެސް މީހަކަށް ޙަޤީޤަތުގައި ހުނަރެއް ހޯދައެއް ނުގަނެވެއެވެ. ﷲ ދެއްވި ހުނަރު ތަރައްޤީ ކުރަން މަސައްކަތް ކުރެވެނީއެވެ.
އެކިއެކި ކުޅިވަރުތަކުގެ ހުނަރުތަކާއި، ރީތިކޮށް ކުރެހުމާއި، ރީތި އަޑުއަޑުން ރީތި ރާގު ރާގަށް ޤުރްއާން ކިޔެވުމާއި ލަވަކިޔުންފަދަ ކަންކަމީ އަމިއްލައަށް ހޯދައިގަނެވޭ ކަންކަންނަމަ، އަޅުގަނޑަށް ވެސް ޢަލީ ރަމީޒަށް ލިބިފައިވާ ފަދަ ރީތި އަޑެއް ހޯދުނީހެވެ.
ނަމަވެސް ދުންޔަވީ އެކިއެކި ހުނަރުތައް ލިބިފައިވާ ފަންނުވެރިންގެ ކިބައިންނާއި، ވަކިން ޚާއްސަކޮށް ސިޔާސީ އެކިއެކި ޕޯޑިއަމްތަކުން، އަޅުގަނޑުމެންނަށް ފެންނަމުން ދަނީ، އަމިއްލަ ނަފްސުގެ މޮޅު ވާހަކަދެއްކުމާއި، އަނެކާ ނިކަމެތި ކޮށްލުމުގެ ކިބުރުވެރި ބޮޑާ ބަސްތައް ބުނަމުންދާ މަންޒަރުތަކެވެ.
އެ ހުނަރު ހޯދަން ކުރި ބުރަމަސައްކަތް ކިޔައިދީ، ކުރެވުނު ބުރަ މަސައްކަތާއިމެދު ފޮނިވެ ފަޚުރުވެރިވާ މަންޒަރުތަކެވެ. އެހެން މީހުންވެސް އެގޮތަށް މަސައްކަތް ކުރުމަށް ނަސޭޙަތްތެރިވާ މަންޒަރެވެ.
ނަމަވެސް ﷲ ދެއްވި ހުނަރު އެކަލާނގެ ގެންދަވާފައިވަނީ ކިތައްކިތައް މީހުންގެ ކިބައިންހެއްޔެވެ؟ އެއިން އެއްވެސް މީހަކަށް އެ ހުނަރު އޭނާގެ ނަފްސުގައި ހިފަހައްޓައެއް ނުލެވުނެވެ.
މިތާގައި އަޅުގަނޑު މި އަޅާލީ ހަމައެކަނި ސުރުޚީއެކެވެ. އަޅުގަނޑު މި ދެންނެވި އެއްޗަކަށް ފުންކޮށް ވިސްނަވާލައްވާށެވެ!