އިސްރާއީލާ ދެކޮޅަށް އިރާނުން ކުރި ހަނގުރާމަޔަކީ ހަގީގަތުގައި މުސްލިމުންގެ ދިފާޢުގައި ކުރި ހަނގުރާމައެއްތޯ؟ ނުވަތަ އަމިއްލަ ޤައުމުގެ ދިފާޢުގައި ކުރި ޙަނގުރާމައެއްތޯ؟
- 25 ޖޫން 2025
އިސްރާއީލާ ދެކޮޅަށް އިރާނުން ކުރި ހަނގުރާމަޔަކީ ހަގީގަތުގައި މުސްލިމުންގެ ދިފާޢުގައި ކުރި ހަނގުރާމައެއްތޯ؟ ނުވަތަ އަމިއްލަ ޤައުމުގެ ދިފާޢުގައި ކުރި ޙަނގުރާމައެއްތޯ؟
މިއީ މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް ބުނެ މިމަހުގެ 12ވަނަ ދުވަހު އިސްރާއީލުން އިރާންގެ އެކި ތަންތަނަށް މިސައިލް ހަމަލާތަކެއް ދީ އިރާންގެ އިސް ލީޑަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން އިރާނުންވެސް ވަނީ ރައްދުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ހަނގުރާމައިގެ ހުޅުގަނޑު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބޮޑުވެ މުޅި ގަލްފް ސަރަޙައްދަށް ފެތުރެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ދިޔައީ މަޑުމަޑުން ހަނގުރާމައިގެ ތެރެއަށް ވަންނަމުންނެވެ. އަދި އެކި ގޮތްގޮތުން އިސްރާއީލަށް ވާގިވެރިވަމުންނެވެ. ހަމައެއާއެކު ރަޝިޔާ އަދި ޗައިނާއިން އައީ އީރާނާއެކު ތިބިކަން ހާމަކުރަމުންނެވެ. ގަލްފް ސަރަހައްދުގައި ފެށުނު މި ހަނގުރާމައިގެ ތެރޭގައި އީރާންގެ ސުޕްރީމް ލީޑަރ އަލީ ޙާމަނާއީ އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަޔަކީ އެމީހުން މި ހަނގުރާމަކުރަނީ މުސްލިމުންނަށްޓަކައި ކަމެވެ. އަދި މުސްލިމުންގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި 12 ދުވަހުގެ މި ހަނގުރާމައިގެ ތެރޭގައި ބުނަމުންދިޔައެވެ. އެހެންނަމަވެސް ބުނަމުންދިޔަ ބުނުމާ ފެންނަ މަންޒަރު ވަރަށް ތަފާތެވެ.
އިސްރާއީލުން ކެނޑިނޭޅި ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް މިހާރު 2 އަހަރާ ގާތްވެފައިވާއިރު އެ މަންޒަރު އެންމެ ކައިރިން ބަލަމުންދާ އަދި ފަލަސްތީނުގެ ޣައްޒާގެ ދިފާޢުގައި ނުކުމެވޭނެ ގާބިލުކަން ހުރި އެއްފަރާތަކަށް އިރާންވެހުރެ އެންމެބަހެއްވެސް އެކަމުގައި ނުބުނެ އަދި އެންމެ ފިޔަވަޅެއްވެސް އެކަމުގައި އަޅާފައި ނުވާކަމީ މުސްލިމުންގެ ދިފާޢުގައި ނުކުންނަ ބަޔަކު ތިބޭނެ ގޮތްބާއެވެ؟ ކައިރީގައި އޮތް މުސްލިމުންގެ ނަސްލެއް އެއްކޮށް ބަނޑަށް ޖައްސާ 60000 ހާހާ ގާތްކުރާ އަދަދަކަށް ޣައްޒާގެ ރައްޔިތުން މިހާރު ޝަހީދުކޮށްލާފައިވާއިރު އެކަމަށް ލޯ ދިއްކޮށްލާނެ އަރަބި އެއްވެސް ޤައުމެއް ނެތެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ނުކުރާތާގައި އެހީގެ އަތެއްވެސް ދިއްކޮށްލަން ނުކުރެއެވެ. މިވަރަށް މުޅި މުސްލިމް އުއްމަތް ބީރުވެ ކަނުވެފައިވާއިރު 12 ދުވަހަށް ދިގުދެމިގެންދިޔަ މި ހަނގުރާމަޔަކީ އިސްރާއީލާ ފަލަސްތީނުގެ މައްސަލަ ނިންމަން އިރާނަށް ލިބުނު އެންމެ ރަނގަޅު އަދި އެންމެ މޮޅު ފުރުޞަތަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
އެމެރިކާގެ އެއްބާރުލުމާއެކު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިރަފުހައް ހަދަމުންދާއިރު އެމެރިކާއިން ބުނި ބުނުމަކަށް މި ހަނގުރާމަ އިރާނުން ވަގުތުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މުސްލިމުންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންއައި ކަމަށް ބުނާ ބަޔަކުނަމަ އެމެރިކާގެ ބުނުމަށް އާބަސް ބުނަންޖެހޭނީ ފަލަސްތީނުގެ މައްސަލައިގެ ތެރެއިން ކަމުގައި ދެކެމެވެ. ހަނގުރާމަ ހުއްޓާލާނެ ޝަރުތެއްގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާ ހުއްޓާލުން ޝަރުތެއް ކަމުގައި ކަނޑައަޅަންޖެހޭނެއެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ކަމެއް އަދި އެ ނިކަމެތި މުސްލިމުންގެ އެއްވެސް ވާޙަކައެއް ނުދެކެވި ހަނގުރާމަ ހުއްޓާލީ ކީއްވެ ހެއްޔެވެ. މި ހަނގުރާމައިގައި އިސްރާއީލަށް ވަމުންދިޔަ ގެއްލުން ފެނި އެމެރިކާއިން އަވަހަށް ހަނގުރާމައިގެތެރެއަށްވަދެ ރޯވަމުންދިޔަ ހުޅުގަނޑަށް ފެން މި އެޅީ އިތުރަށް އިސްރާއީލު ބަލިކަށިވިޔަ ނުދިނުމަށް ކަމުގައި ދެކެވެއެވެ. މި ހަނގުރާމަ އިތުރަށް ދިގުދެމިގެން ގޮސްފިނަމަ ފަލަސްތީނުގެ ބިން ފޭރެމުންދިޔަ ދިޔުން ހުއްޓި ވުޖޫދުން އިސްރާޢީލު ފުހެވިގެން ގޮސްދާނެތީއެވެ.
އިރާނުން އިސްރާއީލަށް ހަމަލާދީ އެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދިނުމަކީ ކޮންމެ މުސްލިމަކަށްވެސް އެކަމުން އުފާވެރިކަން އަދި ހިތްހަމަޖެހުން ލިބޭނެކަމެވެ. ޔަހޫދީންނަށް ލިބޭ ކޮންމެ ގެއްލުމަކީ މުސްލިމުންނަށް ލިބޭނެ ކާމިޔާބީއެއްކަން ކަށަވަރެވެ. އިރާނުން އިސްރާއީލާ އަދި އެމެރިކާއާ ދެކޮޅަށް ކުރި މި ހަނގުރާމަޔަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދިޔަ ހަނގުރާމައެކެވެ. އަދި އަމިއްލަ ޤައުމާ ރައްޔިތުންގެ ހައްޤުގައި ކުރި ހަގުރާމައެއްވެސް މެއެވެ. އެހެންނަމަވެސް އިރާނުން ކުރި މި ޙަނގުރާމަޔަކީ މުސްލިމުންގެ ދިފާޢުގައި ކުރި ހަނގުރާއެކޭ ބުނި ބުނުމާމެދު ސުވާލު އުފެދެއެވެ.