ޙަޔާތުގެ މަޤްޞަދު
- 19 އޭޕްރިލް 2025
ލޮބުވެތި މުސްލިމް އަޚުންނާޢި އުޚްތުންނެވެ!
މި ދުނިޔެއަކީ އިމްތިޙާނުގެ ގޯއްޗެވެ. ނަތީޖާއާއި ޖަޒާ އޮތީ އާޚިރަތުގައެވެ. އެހެންކަމުން އިމްތިޙާނުގެ ގޯތީގައި ހިތް ނޭދޭ ކަންތައްތަކާއި، ހިތްދަތި ކަންތައްތަކާއި، ހިތް ނުރުހޭ ކިތަންމެ ކަމެއް ކުރިމަތި ވާނެއެވެ. އިމްތިޙާނުގައި އޮންނާނީ ހައްތާވެސް ޗެލެންޖުތަކާއި ގޮންޖެހުންތަކެވެ. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ޙަޤީޤީ ޢަދާވާތްތެރިޔާ ގެންދަނީ، އަޅުގަނޑުމެން މި އިމްތިޙާނުގައި ފެއިލް ކޮށްލައި، އަބަދުގެ އަބަދަށް އަޅުގަނޑުމެން ޖަހަންނަމައަށް ވައްޓާލުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
މި ސަބަބުތަކަށްޓަކައި، އަޅުގަނޑުމެންވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް ހިތްވަރެއް ކޮށްލައިފި މީހަކަށް އެއީ ނުވާވަރުގެ އުނދަގޫ ކަމެއް ނޫނެވެ. މައްސަލައަކީ، ﷲ ގެ އޯގާވަންތަކަން އެހާ ބޮޑު އިރުވެސް، ޢަދާވާތްތެރި ޝައިޠާނާގެ އަޅެއް ކަމުގައި ވެވޭތީއެވެ.
ކީރިތި ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ.
وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ (އަލްޙައްޖު:78) މާނައީ: "އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ."
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا (އަލްބަޤަރާ:286) މާނައީ: "ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ."
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅެއްގައި ވެއެވެ. " إِنَّ الدِّينَ يُسْرٌ " މާނައީ: "ހަމަކަށަވަރުން ދީނަކީ ލުއިފަސޭހަ އެއްޗެކެވެ."