އިންޑިޔާއިން ޕާކިސްތާނަށް ދިން މިސައިލް ހަމަލާގެ ބަދަލު ޔަގީނުންވެސް ހިފާނެކަމަށް ޕާކިސްތާނުން ބުނެފި.
- 07 މެއި 2025
އިންޑިޔާއިން ޕާކިސްތާނަށް ދިން މިސައިލް ހަމަލާގެ ބަދަލު ޔަގީނުންވެސް ހިފާނެކަމަށް ޕާކިސްތާނުން ބުނެފި.
ރޭ ދަންވަރު އިންޑިޔާއިން ވަނީ ޕާކިސްތާނުގެ އެކި ތަންތަނަށް މިސައިލް ހަމަލާ ދީ 8 މީހުން މަރާލާފައެވެ. މި އަށް މީހުންގެ ތެރޭގައި ކުޑަ ކުއްޖެއް ހިމެނޭކަމަށް ޕާކިސްތާނުން މަޢުލޫމާތު ދެއެވެ. އަދި މީގެ އިތުރުން 35 މީހަކު ޒަހަމްވެގެން ފަރުވާދެމުން ދާކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. މިފަހަރު މައްސަލަ ގޯސްވެ މިސައިލުން ހަމަލާ ދިނުމާ ހަމައަށް ދިޔައީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކުވަދެ، ބަޑިން ހަމަލާދީ 26 މީހަކު މަރާލި މައްސަލަޔާ ގުޅިގެންނެވެ. މި ހަމަލާ ދިނުމާ ގުޅިގެން އިންޑިޔާއިން ބުނެފައިވަނީ މި ހަމަލާދިން މީހުންގެ ތެރެއިން 2 މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ 2 މީހުން ކަމަށާ މިކަމުގެ އަޑީގައި ޕާކިސްތަނު ސަރުކާރު ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެއެވެ.
އިންޑިޔާއިން ދިން މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ވިދާޅުވީ އިންޑިޔާއިން ޕާކިސްތާނަށް ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ކުށެއްނެތި ކަމަށާއި އެ ހަމަލާއާއި ދެކޮޅަށް ރައްދު ދިނުމުގެ ހައްޤު ޕާކިސްތާނަށް ލިބިގެންވާކަމަށެވެ. އަދި އިންޑިޔާގެ އަމަލަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ޕާކިސްތާނުންވަނީ ސިފަކޮށްފައެވެ. މި ދެޤައުމުގެ ދެމެދު މަސްލަހަތު ގޯސްވެ ހަމަލާދޭން ފެށުމާ ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެއެވެ.