އިސްރާއީލާއި އިރާނާއި ދެމެދު ކުރެވެމުންދިޔަ ހަނގުރާމަ 12 ދުވަސް ފަހުން މެދުކަނޑާލަން ދެގައުމުންވެސް އެއްބަސްވެއްޖެ.
- 24 ޖޫން 2025
އިސްރާއީލާއި އިރާންއާއި ދެމެދު ކުރެވެމުންދިޔަ ހަނގުރާމަ 12 ދުވަސް ފަހުން މެދުކަނޑާލަން ދެގައުމުންވެސް އެއްބަސްވެއްޖެ.
އިރާންގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ނުވަތަ އުފެއްދުމައި ގާތްވެފައިވާކަމަށް ބުނެ އިސްރާއީލުން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާގައި ގުޅިގެން އިރާނުންވެސް ވަނީ ރައްދުގައި އިސްރާއީލަށް ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް މި ހަމަލާތައް ވަރުގަދަވަމުން ގޮސް އެންމެ ފަހުން އެމެރިކާއިން ވަނީ މި ހަނގުރާމައިގެ ގެރެއަށްވަދެ އިރާންގެ ނިއުކްލިއަރ މަރުކަޒަކަށް ހަމަލާދީފައެވެ. އަދި މި ހަމަލާގެ ރައްދުގައި އިރާނުން ރޭގައި ވަނީ ގަތަރު އަދި އިރާގުގައި ހުރި އެމެރިކާގެ އެއާބޭސްއަށް މިސައިލްތަކެއް ފޮނުވާލާފައެވެ. މި ހަމަލާ ދިންތާ ގިނައިރުތަކެއް ނުވެ އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ދެ ގައުމުންވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން އިޢްލާންކޮށްފައެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ގަޑިއާ ކައިރިވެފައިވަނިކޮށް އިރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާއަށްފަހު އިރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ހެދިފައި ނުވާނެކަމަށާ ހަނގުރާމަ ފެށި އިސްރާއީލުން ކަމަށްވާތީ އިތުރު ހަމަލާއެއް އިސްރާއީލުން ނުދޭކަމަށްވާނަމަ އިރާނުންވެސް ހަމަލާއެއް ދެން ނުދޭނެކަމަށެވެ.
ހަނގުރާމަ މިވަގުތަށް މެދުކަނޑާލާފައިވާއިރު މިވީ 12 ދުވަސްތެރޭގައި އީރާނުގެ އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންސްވެރިން ހިމެނޭހެން ޖުމްލަ 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އިޒްރޭލުން މި ހަނގުރާމާގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.