ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާދަމާ އއ ތޮއްޑޫއަށް ވަޑައިގަންނަވަނީ
- 19 އޮގަސްޓް 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކޮށް އެ ރަށްރަށުގެ ތަރައްޤީގެ ބޭނުންތައް ދެނެގަތުމަށް ކުރިއަށްގެންދާ ޤައުމީ މަސައްކަތުގެ ދަށުން، އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާދަމާ އއ ތޮއްޑޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއިމެދު މަޝްވަރާކުރެވިގެންދާނެއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ހާލުބައްލަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން، އއ ތޮއްޑޫގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ އެ މަނިކުފާނު ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގަތުމަށް ރާވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމެވެ.