ދިވެހިރާއްޖޭގައި ފުރަތަމަ އުފެއްދި ކައުންސިލް ކޮމްޕެނީ، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީ.އެލް.އޭ.ސީ) ގެ އެމްޑީ އާއި އެކު ބޯޑު މެންބަރުން އެއްކޮށް އިސްތިއުފާ ދެއްވައިފި.

  • 11 މެއި 2025
ޓީއެލްއޭސީ އެފް.ބީ ޕޭޖް
ފޮންޓު ސައިޒު: ށ ށ ށ

ދިވެހިރާއްޖޭގައި ފުރަތަމަ އުފެއްދި ކައުންސިލް ކޮމްޕެނީ، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީ.އެލް.އޭ.ސީ) ގެ އެމްޑީ އާއި އެކު ބޯޑު މެންބަރުން އެއްކޮށް އިސްތިއުފާ ދެއްވައިފިއެވެ.

އެންޑީއާއެކު ބޯޑު މެންބަރުން އެއްކޮށް އިސްތިޢުފާ ދިންއިރު ޢާންމުންގެ ބޮޑެތި ކަންބޮޑުވުންތަކާ ޝަކުވާތައް އެ ކޮންޕެނީއާމެދު އަންނަނީ ކުރަމުންނެވެ. އިނގިރޭސި ބަހުން ލިޔެ ކައުންސިލަށް ފޮނުވި 3 ޞަފުހާގެ އިސްތިއުފާގެ ސިޓީގައި ކޮމްޕެނީގެ އެމްޑީ އަބުދުﷲ ނިހާނު ވަނީ އިސްތިޢުފާ ދޭން ޖެހުނު ސަބަބު ބަޔާންކޮށް ގިނަ ކަންތައްތަކެއް ފާޙަގަކޮށްފައެވެ. ކޮމްޕެނީގެ މަސައްކަތް ފަށައިގަތްއިރު 6 މަސް ދުވަސް ވަންދެން ހިލޭ ސާބަހަށް މަސައްކަތްކުރެއްވިކަމަށް ނިހާނުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. "ވަޔާނުލާ ރިޔަލުގާ އުޅަނދު ކިތަންމެ ވަރުގަދަޔަސް ދަތުރު ނުކުރެވޭނެކަމަށް ބުނެ ކައުންސިލްގެ އެހީތެރިކަން ކޮމްޕެނީއަށް ނުލިބޭ ކަމަށް ނިހާނު ފާހަގަކޮށްފައިވެއެވެ. އަދި ޕްރީ ސުކޫލު ގައި ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލުން 1 މިލިއަން ރުފިޔާ ކޮމްޕެނީއަށް ދިން ކަމަށް ފަތުރާ ވާހަކައަކީ އޮޅުވާލުމެއް ކަމަށް ނިހާނު ފާހަގަ ކޮށްފައިވެއެވެ. ނިހާނު އިތުރަށް ސިޓީގައި ބުނެފައިވަނީ މަޤާމުގެ ދަހިވެތިކަމުގާ ނުވަތަ ގޮނޑީގެ ދަހިވެތިކަމެއް ނެތްކަމަށާ މަސައްކަތްކުރެއްވީ ރަށުގެ ލާބަޔާ މަންފާއަށް ކަމަށެވެ. އަދި މެއި 31 ވަނަ ދުވަހުގެ ނިޔަލަށް އޮފީހުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. ޕްރީ ސްކޫލްގެ މަސައްކަތަކަށް ކޮމްޕެނީއަށް 1 މިލިޔަން ރުފިޔާ ނުދޭކަމަށް ނިހާން މި ބަޔާނުގައި ފާޙަގަކޮށްފައި އޮތް ނަމަވެސް ކައުންސިލް ބައެއް މެންބަރުން ވަނީ އެ ފައިސާ ކޮމްޕެނީއަށް ޖަމާކޮށްދީފައިވާކަމަށް ބުނެ އެ ފައިސާ ކޮބައިތޯވެސް ސުވާލުކޮށްފައެވެ. ވަރަ ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ކައުންސިލުން ކޮމްޕެނީއަށް ޖަމާކުރި ދުވަސްވަރާ ދިމާކޮށް ކޮމްޕެނީން ވަނީ އެ އޮފީހުގެ އިމާރާތުގެ ބައެއް ތަޅާލައި އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ވަކި ހިސާބަކުން މި ފައިސާގެ މައްސަލަ ހިލުނު ހިސާބުން އެ މަސައްކަތް މަޑުޖެހުނު ކަން ފާޙަގަކުރެވުނެވެ.

ޓީ.އެލް.އޭ.ސީގެ ބޯޑުގައި ހިމެނެނީ ކޮންބައެއް؟

ޓީއެލްއޭސީ ގެ ބޯޑުގައި އެމްޑީގެ އިތުރުން އިތުރު 2 ބޭފުޅުން ހިމެނެއެވެ. އެއީ ޤާނޫނީ ދާއިރާގެ ބޭކަނބަލެއް ކަމުގައިވާ ޒުލައިޚާ އާއި ތޮއްޑޫ ކައުންސިލްގެ މެންބަރ ހުސެއިން ޝައިބާން އެވެ. "ވަރަ" އަށް މައުލޫމާތު ލިބޭ ގޮތުގައި މި ހުރިހާ ބޭފުޅުންވެސް ވަނީ އިސްތިއުފާގެ ސިޓީ ކައުންސިލަށް ހުށައަޅާފައެވެ.

ކޮމްޕެނީގެ މަސައްކަތްތަކަކީ ކޮބާ؟

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަކީ ތޮއްޑޫގައި އުފެދޭ ކުނި ނައްތާލުމާއި، ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި، މަގުތައް ބެލެހެއްޓުމާ، އަދި ވެސް ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ގިނަގުނަ ޚިދުމަތްތަކެއް ދެމުން އަންނަ ކުންފުންޏެކެވެ. ކައުންސިލް ޕްރީ ސުކޫލް ބެލެހެއްޓުންވެސް ވަނީ ކޮމްޕެނީއާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ގެސްޓް ބީޗު ތަރައްޤީކޮށް ބެލެހެއްޓުމާ ބޭރުގެ ފެއަރ ތަކުގައި ބައިވެރިވެ ތޮއްޑޫ އިޝްތިހާރުކުރުމަކީ ވެސް ކޮމްޕެނީން ކުރަމުން އަންނަ މަސައްކަތެކެވެ. ރަށުތެރެއަށް ފޮގު ކުރުމާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކޮމްޕެނީން ކުރަމުން އައި މަސައްކަތަތްކެވެ. ކޮމްޕެނީން ތޮއްޑޫގައި "ޓީއެލްއޭސީ ސްޓޯރ ގެ ނަމުގައި ހާޑުވެއަރ ފިހާރައެއްވެސް ހިންގައެވެ. މި ފިހާރައަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިމެންތި، ހިލަ، ހިލަވެލީގެ އިތުރުން ދަގަނޑު ގެނެސް ރަށު ރައްޔިތުންނަށް ވިއްކައެވެ. ކޮމްޕެނީއަށް ބަލްކްކޮށް މި ދެންނެވި ތަކެތި ހެޔޮ އަގުގައި ލިބެން ހުރިކަން އެ ފަރާތުން ނަގާފައިވާ ކޯޓޭޝަންތަކާއި ބިލްތަކުން އިނގެއެވެ. މި މަސައްކަތް ފުރަތަމަ ފަށައިގަތްއިރު ރަށުގެ ރައްޔިތުން އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ރަނގަޅު އަގެއްގައި ދޫކުރުމުން ދިޔަ ނަމަވެސް ވަކި ހިސާބަކުން އެ ތަކެތިވެސް ވިއްކަމުން ގޮސްފައިވަނީ ރައްޔިތުންނަށް ރަނގަޅު ޙިދުމަތެއް ދިނުމުގެ ބަދަލުގައި އެ ވިޔަފާރިން ބޮޑު މަންފާއެއް ކުންފުންޏަށް ހޯދުމުގެ ބޭނުމުގައި ކަމަށް ތޮއްޑޫ ރައްޔިތުން ވަނީ ބުނެފައެވެ.

ކޮމްޕެނީއަށް އާންމުދަނީ ލިބެނީ ކިހިނެތް؟

ކައުންސިލުން ކޮމްޕެނީ އުފައްދާ ހިންގުމަށް -/200000 (ދެ ލައްކަ) ރުފިޔާގެ ކެޕިޓަލްއެއް ހަމަޖައްސާ ދެއްވާފައިވެއެވެ. ކުނި މެނޭޖުކުރުމަށް ބޭނުންކުރާ ވެހިކަލްތައް ގަނެދީފައިވަނީ ކައުންސިލުންނެވެ. ކުނި މެނޭޖުކުރުމަށް ކުރިން 2 އަވަށުގެ ކުނިކަހާ އަންހެންވެރިންނަށް ދެމުންދިޔަ 60000 ރުފިޔާ ކޮންމެ މަހަކު ކައުންސިލުން ކޮމްޕެނީއަށް ދެއެވެ. ގޭބީސީ ތަކުން ކުނި އުކާލުމަށް ނަގާ މަހުފީ ނަގަނީ ކޮމްޕެނީންނެވެ. ކުޅިވަރު ދަނޑުތައް ( ފުޓުބޯޅަ، ފުޓުސަލް، ވޮލީ ކޯޓު، ބެޑްމިންޓަން ކޯޓް...) ބެލެހެއްޓުމަށް ކޮންމެ މަހަކު 25000 ރުފިޔާ ކޮމްޕެނީއަށް ދެއެވެ. މީގެ އިތުރުން ސަބްސިޓީ އެއްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލުން 70000 ރުފިޔާ ކޮމްޕެނީއަށް ދެއެވެ. ގެސްޓު ހައުސްތަކުން ދައްކާ ބީޗު ފީއާއި އައު އަހަރު ފާހަގަ ކުރުން ފަދަ ކަންކަމަށް ގެސްޓް ހައުސް ތަކުން ނަގާ ފައިސާ ލިބެނީ ކޮމްޕެނީ އަށެވެ. ކޮމްޕެނީގެ އެކްސްކަވޭޓަރ ކުއްޔަށްދޫކޮށްގެން ލިބޭ ފައިސާ އަކީ ވެސް ކޮމްޕެނީއަށް ލިބޭ އާންމުދަނީއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެވީ ވެހިކަލްގެ ބޮޑެތި ލޮރީ ތަކާއި އެކްސްކަވޭޓަރ، ކްރޭން ފަދަ ތަކެތި ކޮމްޕެނީއަށް ހޯދާދިނީ ކައުންސިލުންނެވެ. މި ފަދަ ވެހިކަލްތައް މަރާމާތުކުރުމާ އަހަރީ ފީ ދެއްކުން ފަދަ ކަންކަމަށް ޚަރަދު ކުރަނީ ކައުންސިލުންނެވެ

އެމްޑީގެ ތުހުމަތު ކައުންސިލަށް!

އެމްޑީގެ އިސްތިއުފާގެ ސިޓީގައި ގިނަކަންކަން ފާހަގަ ކޮށްފައިވާއިރު އެއިގެ ތެރެއިން އެންމެ ފާހަގަވި އެއްކަމަކީ ކައުންސިލުން ކޮމްޕެނީއަށް އެއްބާރުލުން ނުލިބޭވާހަކައެވެ. ހާއްސަކޮށް ކައުންސިލްގެ ބައެއް މެންބަރުން ރަށުތެރޭގައި ކޮމްޕެނީއަށް ނަފުރަތު އުފެދޭ ގޮތަށް ދައްކަމުން ދިޔަ "އަސްލެއްނެތް" ވާހަކަ ތަކެވެ. ކައުންސިލަރުންގެ ފަރާތުން އެފަދަ ތުހުމަތު ތަކެއް ކޮމްޕެނީއަށް ކުރުމުން އާންމުންގެ ތެރޭގައި ކޮމްޕެނީއާ ދޭތެރޭ ނަފުރަތު އުފެދި ކޮމްޕެނީ އުވާލުމަށް ގޮވާލާ އަޑުތައް ވަނީ ރަށުތެރޭގައި ގަދަވެފައެވެ.

ކައުންސިލަރުންގެ ޝަކުވާ!

ކައުންސިލް ކޮމްޕެނީއަށް އެންމެ ބޮޑު ޕްރެޝަރަކަށް ވެގެންދިޔައީ ކައުންސިލް ބައެއް މެންބަރުން އުފައްދަމުން ގެންދިޔަ ސުވާލުތަކެވެ. އެއިގެ ތެރޭގައި މަހުން މަހަށް ކޮމްޕެނީގެ ހިސާބުތައް ކައުންސިލަށް ނުލިބުމާ ކޮމްޕެނީގެ ބޯޑު މެންބަރުންގެ މުސާރަ ކައުންސިލަށް ސިއްރުކޮށްފާ އޮތްއޮތުން ހިމެނެއެވެ. ކޮމްޕެނީގެ އާންމުދަނީއާއި ޚަރަދު ހާމަނުކުރުމަކީ ކައުންސިލް ބައެއް މެންބަރުން ކޮމްޕެނީއާ ދެކޮޅަށް ވާހަކަ ދައްކަން މަޖުބޫރިވި ސަބަބެއް ކަމަށް ބައެއް މެންބަރުން ހާމަކުރެއެވެ. ރައްޔިތުންގެ ފައިސާ އިން "ހިތަކަށް" ކޮމްޕެނީއަށް ޚަރަދުކުރަން ލިބިފާ އޮތްއިރު ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވުނު ކަންތައްތަކަކީ ކޮބާތޯ ރައްޔިތުން ސުވާލުއުފައްދައެވެ. އެތަށް ޕްރޮޖެކުޓެއްގެ މައުލޫމާތު ނޫސްތަކުގައި ލިޔުމަށްފަހު އެއިން އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނާންނަކަމަށް މެންބަރުން ތުހުމަތު ކުރެއެވެ. ޕްރީ ސުކޫލުގެ ޕްރޮޖެކުޓެއް ހިންގުމަށް 1 މިލިއަން ރުފިޔާ ކޮމްޕެނީއާ ހަވާލުކޮށްފައިވާނެކަމަށް ކައުންސިލް މެންބަރުންނާއި އަދި ނަން ނުޖެހުމަށް ޝަރުތުކޮށް ކައުންސިލް ގެ ބައެއް މުވައްޒަފުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް މިއިން އެއްވެސް މަސައްކަތެއް ޕްރީ ސުކޫލުގައި ފެށިފައި ނުވާތީ ސޯޝަލް މީޑިއާގައި ވަނީ ކޮމްޕެނީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މިހާރު އުފެދޭ ސުވާލަކީ ޓީ.އެލް.އޭ.ސީގެ ބޯޑު އިސްތިޢުފާ ދިނުމާ ގުޅިގެން ރާއްޖޭގައި ފުރަތަމަ އުފެދުނު ލޯކަލް ކޮމްޕެނީގެ މުސްތަޤްބަލަކީ ކޮބައިތޯއެވެ. ރަށަށް ގިނަ ކަންތައްތަކެއް ތަޢާރަފްކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ވަޢުދުވެ ފޮނި އުއްމީދުތަކަކާއެކު އައި ތޮއްޑޫ ލޯކަލް ކޮމްޕެނީއާމެދު މިހާރު ރަށުގެ ރައްޔިތުން އިތުބާރު ނުކުރާކަމެވެ. ކޮންމެ އަހަރަކު އެވަރުގެ ބޮޑު ޙަރަދެއް އެ ކޮމްޕެނީއަށް ކުރަމުން އަންނައިރު އަދި އެވަރުގެ ބޮޑު ޢާމްދަނީއެއް އެ ކޮމްޕެނީއަށް ވަންނައިރު އެ ފައިސާ ޙަރަދު ކުރާ ގޮތުގެ ތަފްސީލް ޢާންމު ނުކުރުމަކީ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުމެވެ. އެހެންނަމަވެސް ފާޙަގަކޮށްލަން ޖެހޭ ކަމަކީ ކޮމްޕެނީ އެމްޑީ އިސްތިޢުފާ ދިނުމަށްފަހު ވަނީ ކުންފުނީގެ ވަރަށް ގިނަ ޙަރަދުތަކުގެ ތަފްސީލް އަދި ކުންފުނިން ކުރަމުން އައިސްފައިވާ އަދި ކުރުމަށް މަސައްކަތް ކުރާ ކަންކަމުގެ ވަރަށް ތަފްސީލީ ޑޮކިޔުމަންޓްތަކެއް ހުށައަޅާފައެވެ.

Advertisement
Advertisement

ކޮމެންޓް (0)