" ޙަޔާތުގެ މަޤްޞަދު "
- 26 މެއި 2025
" ޙަޔާތުގެ މަޤްޞަދު "
އާޓިކަލް:9
(އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: ދޮޅު މިނިޓް)
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
މި އާޔަތަށް ފުންކޮށް ވިސްނާލައްވާށެވެ!
ޙިޖުރު ސޫރަތުގެ 33 ވަނަ އާޔަތުގައި ކީރިތި ﷲ ވަޙީ ކުރައްވާފައި ވެއެވެ.
قَالَ އެކަލޭގެ (އެބަހީ: އިބްލީސް) ދެންނެވިއެވެ.
لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް ސަޖިދަ ކުރާކަށް ތިމަން ނެތީމެވެ.
ކިބުރުވެރިކަމާ ބޮޑާކަމާ އަމިއްލަ ނަފްސުގެ މޮޅުކަން ހިތަށް ވަނީމައި ﷲ ގެ މަޚްލޫޤު ވެއްޓޭ ނިކަމެތި ދަރަޖަ ނިކަން ވިސްނަވާށެވެ! ޝައިޠާނާ އާދަމްގެފާނު ސިފަކޮށްލި ގޮތަށް އަމިއްލަފުޅަށް ނިކަން ފުންކޮށް ވިސްނާލައްވާށެވެ!
މި ޢަމަލު ޝައިޠާނާ ޒީނަތްތެރިކޮށްދީފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް އިންސާނުންގެ ހިތުގައި ހެއްޔެވެ؟
ނަމަވެސް އެންމެ ހިތާމަހުރި ކަމަކީ، އެކަން އެމީހުންނަށް ރޭކާވެސް ނުލުމެވެ. އަމިއްލަ ނަފްސުގައި އެ ނުބައި ސިފަ، ޝައިޠާނާ ބިންވަޅު ނަގައިދީފައި ހުރިކަން އެއްގޮތަކަށް ޤަބޫލުވެސް ނުކުރެވުމެވެ.
އަނެކުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި، ވަނަން ކިއުމާއި، ޖޯކު ޖަހާލުމަކީ ގިނަ މީހުންގެ ކަށީގައި ހިފާފައި ހުރި އާދައެކެވެ.
އަނެކާގެ ފަލަކަމަށެވެ. ހިކިކަމަށެވެ. ކުރުކަމަށެވެ. ކުލައަށެވެ. ޢައިބު ކަމަށެވެ. ހިނގުމަށެވެ. ވާހަކަ ދައްކާ ގޮތަށެވެ. ހޭލުންތެރިކަން ކުޑަ ކަމަށެވެ. އަނެކާ ސިފަކޮށްލެވީ ކަނޑުކޮހެއްގެ ގޮތުގައެވެ. ތަންދޮރު ނުދަންނަ މީހެއްގެ ގޮތުގައެވެ. މުނާފިޤެއްގެ ގޮތުގައެވެ. އަދި އަނެއްބައި ފަހަރު ކޮންމެ ވެސް ޖަނަވާރެއްގެ ގޮތުގައެވެ.
ކޮންމެ މީހަކުވެސް އަނެކާއަށް ނިކަމެތި ކަމުގެ ބަހެއް ރައްދުކުރާ އިރު، ތިމާމީހާއީ އެއްވެސް އުނިކަމެއް ޢައިބުކަމެއް ނެތް ފުރިހަމަ މީހެއްފަދައެވެ. އަމިއްލަ ނަފްސަށް ބަލާލުމަށް ގިނަ ލޯތަކާއި ހިތްތައް ކަނުވެފައިވާ ފަދައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު އެމީހެއްގެ ހިތުގައިވާ މީހާ ވެސް ސުވަރުގެ ނުވަންނާނެކަމަށް، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރި ޠާހިރު މާތް ދޫފުޅުން ޙަދީޘްފުޅުކުރައްވާފައިވާ ވާހަކަ އަޅުގަނޑުމެން އަޑު އަހަމެވެ. އެއީ ތެދު ޞައްޙަ ބަސްފުޅެއްކަން ވެސް އެނގެއެވެ. ނަމަވެސް އެގުނެއްކަމަކު، އަދި ނުފުދެއެވެ. ޢަމަލުވެސް ސީދާވާން ޖެހެއެވެ.
އެހެންކަމުން ކީރިތި ﷲ ގެ ޙަޟުރަތަށް ތައުބާވެ ރުޖޫޢަވެ، ދުވަހަކުވެސް އަނެކާއަށް ބަދު ބަހެއް، މަލާމާތުގެ ބަހެއް، ފުރައްސާރައިގެ ބަހެއް ރައްދު ނުކުރުމަށް ޢަޒުމުކަނޑައަޅާ، އެގޮތުގައި ހިތްވަރު ކުރަމާ ހިނގާށެވެ!