" ޙަޔާތުގެ މަޤްޞަދު "
- 04 މެއި 2025
އާޓިކަލް:5
(އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: 2 މިނިޓް)
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
ދެން މިއޮތީ ޙަޔާތުގެ މަޤްޞަދު ޙާޞިލް ކުރުމަށް މަސައްކަތްކުރާ ކޮންމެ އަޅަކުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. އެއީ ޢަދާވާތްތެރިންގެ މަކަރުވެރިކަމާ ނުބައިކަމުން ސަލާމަތްވެ ހުރުމެވެ. މިއީ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި، ދުނިޔަވީގޮތުން ބެލިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ލަނޑުދަނޑިތަކާ ހަމައަށް ވާޞިލް ވުމުގައި، އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ އަޅުގަނޑުމެންގެ ޢަދާވާތްތެރިންނެވެ. ޙަސަދަވެރިންނެވެ. ދެކޮޅުވެރިންނެވެ. އަނިޔާވެރިންނެވެ. ދުޝްމަނުންނެވެ.
އެވެރިންގެ މަސައްކަތަކަށް ވެފައި އޮންނަނީ ޣީބަ ބުނެ، ނެތޮމޮށުމާއި، ފުރައްސާރަކުރުމާ، މަލާމާތް ކުރުމާއި، ދޮގު ވާހަކަތައް ފަތުރައިގެން ވެސް، ނަފްސާނީ ގޮތުންނާއި މާއްދީ ގޮތުން އަޅުގަނޑުމެން ބަލިކަށި ކޮށްލައި، އަޅުގަނޑުމެންގެ ކުރިއެރުންތަކަށް ހުރަސްއެޅުމެވެ. އަޅުގަނޑުމެން ނިކަމެތި ކޮށްލުމެވެ. އެވެރިންނަށް ހިތުގެ ހަމަޖެހުމެއް ލިބުން އޮތީ އެގޮތުންނެވެ. ނަމަވެސް އެއީ އެއުރެންނަށް ލިބޭ ކެހިވެރިކަމުގެ ވަގުތީ އުފަލެކެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ!
ހަނދާން ކޮށްދޭން މި އުޅެނީ އަޅުގަނޑުމެންގެ އެންމެ ބޮޑު 2 ދުޝްމަނުންގެ ޙަޤީޤަތެވެ. އެ ދެ ދުޝްމަނުންނާއިމެދު އަޅުގަނޑުމެންނަށް ފަރުވާ ކުޑަ ކޮށްލެވިއްޖެނަމަ، ދުނިޔެއާ އާޚިރަތް ގެއްލުވާލާނެއެވެ. މިވަގުތުވެސް އެ ދެ ފަރާތުން ތިބާއަށް އެބަ އުނދަގޫ ކުރެއެވެ. ކޮންމެއަކަސް، އަޅުގަނޑުމެން މި ދަންނަވާ ދެ ޢަދުއްވުންކުރެ، އެއް ޢަދުއްވަކީ ޝައިޠާނާއެވެ.
ކީރިތި ﷲ ގެ އަންނަނިވި ވަޙީ ބަސްފުޅުތަކަށް ނިކަން ފުންކޮށް ވިސްނަވާލައްވާށެވެ!
ކީރިތި ﷲ މިފަދައިން އެކަލާނގެ އަޅުތަކުންނަށް އިރުޝާދު ދެއްވަނީ ސަބަބެއް ނެތިއެއް ނޫންކަން ދަންނާށެވެ!
ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ" (އަލްބަޤަރާ:208)
މާނައީ: " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެޔަށް ފުރިހަމައަށް ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާން ވެގެންވާ ޢަދުއްވެކެވެ."
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ" (ފާޠިރު:6)
މާނައީ: "ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވަތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވަތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ."
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "وَمَن يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا" (އައްނިސާ: 38)
މާނައީ: "ޝައިޠާނާ، އެމީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ!) ފަހެ، އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ."
އެހެންކަމުން މިއީ ފަރުވާ ކުޑަ ކޮށްލައިގެންވާނެ ކަމެއް ނޫނެވެ. ޝައިޠާނާގެ ނުބައިނުލަފާކަމާއި، އޭނާގެ ޢަދާވާތްތެރިކަމާއި، އޭނާ އަޅުގަނޑުމެން އިންސާނުން މަގު ފރެއްދުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ޖަހާ މަކަރުވެރި މަޅިތައް އަޅުގަނޑުމެންނަށް އެނގެން ޖެހޭނެއެވެ. އެފަދަ ކަންކަމަށް ފިސާރި ސަމާލުކަން ދޭން ޖެހޭނެއެވެ.
ދެން އަޅުގަނޑުމެން މަސައްކަތް ކޮށްލާނީ އެކަންކަން ދެނެގަތުމަށެވެ. (އިން ޝާ ﷲ)