" ޙަޔާތުގެ މަޤްޞަދު "
- 29 އޭޕްރިލް 2025
އާޓިކަލް:4 (އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: 2 މިނިޓް)
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ!
ތެދުވެރި ސާފު ހިތަކުން، ވަރަށް އާދޭހާއެކު، ތިބާގެ ގާތުގައި ކަމަކަށް އެދެމެވެ. މި ނަސޭޙަތްތައް އަޑު އަހާލަދޭށެވެ!
އަޅުގަނޑު މި މަސައްކަތް ކުރަނީ މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅެއް ތިބާއަށް ހަނދާން ކޮށްލައިދޭށެވެ! ކީރިތި ﷲ، އަޅުގަނޑާއި ތިބާ، މި ދުނިޔޭގައި ލެއްވި މަޤްޞަދު ޙާޞިލް ކުރެވޭތޯއެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރި ޠާހިރު މާތް ދޫފުޅުން ޙަދީޘްފުޅު ކުރައްވާފައި ވަނީ "الدين النصيحة" (البخاري) މާނައީ: "ދީނަކީ ނަސޭޙަތެވެ."
އެހެންކަމުން، ނަސޭޙަތް ދޭން ޖެހެއެވެ. ނަސޭހަތް އަޑު އަހަން ޖެހެއެވެ. ނަސޭޙަތް ލިބިގަންނަން ޖެހެއެވެ. ދީނަށް އުޅެވޭނީ އަބަދާއި އަބަދު ނަސޭޙަތް ލިބިގަނެގެންނެވެ. ބުއްދިވެރިންގެ ގޮތަކީ އެއީއެވެ.
ކީރިތި ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ، " إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ " (އައްރަޢުދު:19) މާނައީ: " ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ."
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ!
ބުއްދިވެރިއަކަށް ވަމާ ހިނގާށެވެ! ނަސޭހަތުގެ އަޑު ނާހާ އަޅަކަށް ދީނުގައި ޘާބިތުވެ ނުހުރެވޭނެއެވެ. ނަސޭހަތުގެ އަޑު ނާހާ މީހުންގެ ޙާލަތު އަޑު އައްސަވާށެވެ!
ނަރަކަވަންތަވެރިންކުރެ ޖަމާޢަތެއްގެ ބަޔަކު ނަރަކައަށް އެއްލައިލެވޭ ކޮންމެ ފަހަރަކު، ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުން، އެމީހުންނާ ސުވާލު ކުރައްވާނެއެވެ.
"أَلَمْ يَأْتِكُمْ نَذِيرٌ" "އިންޛާރު ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟" ޖަވާބުގައި އެމީހުން ބުނާނެތެވެ. "بَلَىٰ" "ނޫނެކެވެ." قَدْ جَاءَنَا نَذِيرٌ" "ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޛާރު ކުރައްވާ ބޭކަލަކު ވަޑައިގަތެވެ. "فَكَذَّبْنَا" "ދެންފަހެ، ތިމަންމެން ދޮގުކުރީމުއެވެ." އަދިވެސް އެމީހުންގެ ޖަވާބުގައި ބުނާނެތެވެ. "لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ" "ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ." (އަލްމުލްކު:8ން 10ށް ބައްލަވާ!)
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ!
އެހެންކަމުން، ކޮންމެ ދުވަހަކީ ވެސް (އަމިއްލަ ނަފްސަށްޓަކައި) ނަސޭހަތެއް އަޑުއަހާލާ ނަސޭޙަތެއް ލިބިގަންނަ ދުވަހަކަށް ހަދަމާ ހިނގާށެވެ! އޭރުން ﷲ އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ނޭންގޭ މިންވަރާއި، އަޅުގަނޑުމެން އުނގެނި ދަސްކުރަން ޖެހޭ މިންވަރުގެ ގިނަކަން ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވި، ކިބުރުވެރިކަމާއި، ބޮޑާކަން ހިތުން ފިލައި، ކީރިތި ﷲ އަށް ކިޔަމަންތެރި ޚުޝޫޢަތްތެރި މަޑުމޮޅި އަޅެއްކަމުގައި ވުމަށް ފުރުސަތު ލިބޭނެއެވެ.
އަޅުގަނޑުމެންނަށް އެނގޭކަމަށް ޤަބޫލު ކުރުމާޢި، އެހެން މީހުންގެ ނަސޭޙަތަށް އަޅުގަނޑުމެން ބޭނުން ނުޖެހޭ ކަމަށް ޤަބޫލު ކުރެވުމަކީ ޖާހިލުކަމުގެ ޢަލާމާތެކެވެ.