ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި މިއަހަރު ޖުމްލަ 31 ޓީމް ބައިވެރިވެއްޖެ.
- 17 ޖޫން 2025
ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި މިއަހަރު ޖުމްލަ 31 ޓީމް ބައިވެރިވެއްޖެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖޫން 15ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު 4 އުމުރުފުރާޔަކުން ޖުމްލަ 31 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ 10 އަހަރުން ދަށުގެ 6 ޓީމާއި، 12 އަހަރުން ދަށުގެ 5 ޓީމާއި، 14 އަހަރުން ދަށުގެ 9 ޓީމާއި، 17 އަހަރުން ދަށުގެ 11 ޓީމެވެ. މިއީ ރިދަން އެކަޑަމީން ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބާއްވާ 2ވަނަ އަހަރު. މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ވަނީ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައި ބައިވެރިވުމަށްވެސް ފުރުޞަތު ހުޅުވާލާފައެވެ. އޭގެތެރޭގައި ހޭންޑްބޯޅަ އަދި ބެޑްމިންޓަން ހިމެނެއެވެ. ހޭންޑްބޯލަ މުބާރާތް ހަމައެކަނި 16 އަހަރުން ދަށުގެ އުމުރުފުރާއަށް ހުޅުވާލާފައިވާއިރު ބެޑްމިންޓަން މުބާރާތް ހުޅުވާލާފައިވަނީ އޯޕަންކޮށް ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށެވެ.
ސެޕްޓެމްބަރު މަހުގެ 21 އިން 27 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 11 އެކަޑަމީއަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އެކަޑަމީތަކަކީ ކ.ގާފަރު ފިއުޗާ އެކަޑަމީ، ކ.މާފުށި ނިއު ސްޓާރސް ސްޕޯޓްސް ކްލަބް، އއ.ތޮއްޑޫ ރިދަން ސްޕޯޓްސް އެކަޑަމީ، ރަސްދޫ ފުޓްބޯޅަ އެކަޑަމީ، ފ.ދަރަނބޫދޫ ޙައިރް ސްޕޯޓްސް އެކަޑަމީ، ކ.ކާށިދޫ އެމްޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ އެޑްވެންޗާރސް ފުޓްބޯޅަ އެކަޑަމީ، އޮޑި ސްޕޯޓްސް ކްލަބް އެކަޑަމީ، މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑަމީ، މާޒިޔާ ސްޕޯޓްސް އެކަޑަމީ އަދި ބީޖީ ސްޕޯޓްސް އެކަޑަމީއެވެ. މިއަހަރުގެ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް އެކި އުމުރުފުރާތަކުގެ ޗެމްޕިއަން ޓީމުތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސަސް އެކަޑާމީއެވެ އަދ ރަނަރަޕް ޓީމަކީ ބީޖީ ސްޕޯޓްސް އެކަޑަމީއެވެ.