ލޯކަލް ޓޫރިޒަމްގެ "ހިތް" ޕީއެންސީން ފަތަޙަ ކޮށްފި!
- 05 އޭޕްރިލް 2026
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފައިވަނީ އަރިއުތުރު ގެ ތޮއްޑޫ ދާއިރާއިންކަން ފާހަގަ ކޮށްލެވެއެވެ. ލޯކަލް ޓޫރިޒަމްގެ އެންމެ އުހުގައި މިއަދު ފިޔަޖަހަމުންދާ ތޮއްޑޫ، ރަސްދޫ އަދި އުކުޅަހުގެ ކައުންސިލް "ދޫނިތައް ފަސޭހަ ކަމާއެކު ޖަހައިގަތުމުން" ގިނަބަޔަކަށް ވަނި ހައިރާންކަން ލިބިފައެވެ.
ގިނަ އަހަރުތަކެއް ވަންދެން ރަން ރީނދޫ ކުލައިން ނަތީޖާ ދައްކަމުން ދިޔަ ތޮއްޑޫ ދާއިރާ ވިލު ނޫކުލައަށް ބަދަލުކޮށްލާ ސަރުކާރަށް އޮތް ފުރިހަމަ ތާޢީދު މި ވަނީ ދައްކާލާފައެވެ. ގިނަ މަޝްރޫޢުތަކެއް މިހާރުވެސްކުރިއަށް ގެންދަމުންދާ ތިން ރަށުގެ ރައްޔިތުން މި ވަނީ ވަރަށް ސާފުކޮށް ސަރުކާރާއެކު ތަރައްޤީ ބޭނުންވާ ކަމުގެ ސާފު މެސެޖެއް ދީފައެވެ. އުކުޅަހު ކައުންސިލްގެ ރަޢީސްގެ މަޤާމު އަލީ ވަހީދު ކާމިޔާބު ކުރިއިރު، ރަސްދޫގެ ރައީސްކަން އަހްމަދު ވަހީދު (ރަސް އަންމަޑޭ) ވަނީ ހޯދާފައެވެ އަދި ދާއިރާގެ އެންމެ ބޮޑު ރަށްކަމުގައިވާ ތޮއްޑޫގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީ ކެނޑިޑޭޓް އާދަމް ނަވީންއެވެ.
ދެ ޕާޓީންވެސް ފޯރީގައި ކުރި ކެމްޕެއިންގައި އެމްޑީޕީން ވަނީ އެ ޕާޓީގެ އެންމެ ބާރުގަދަ ހަތިޔާރު ކަމުގައިވާ "ހިތްތަކުގެ ރައީސް" ގެ ބޭނުންވެސް ފަހު ވަގުތު ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޑީއާރްޕީގެ މެންބަރު އަބުދުﷲ ޝާހިދު ވަނީ ތޮއްޑޫ ދާއިރާގައި ދޮރުން ދޮރަށް ހިންގަވާފައެވެ. ސަރުކާރުގެ ފަރާތުން އުކުޅަހަށް އަދި ތޮއްޑޫއަށް ނިސްބަތްވާ 2 ވަޒީރުން ކަމުގައިވާ އަބުދުﷲ ރާފިއު އާއި ވަޒީރު އާދަމް ނަޞީރު އިބުރާހިމް ވަނީ ދާއިރާގެ ތިން ރަށުގައި ކެމްޕެއިން ކުރައްވާފައެވެ.
ސަރުކާރުން ގިނަ މަޝްރޫޢު ތަކެއް މި 3 ރަށުގައި އިފްތިތާހް ކޮށްފައިވާ އިރު ރައްޔިތުން ތިބީ މި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ފޮނި އުންމީދުގައެވެ.


އަލިފު އަލިފު






